އިޒްރޭލަށް ރަޔަން އެއާގެ ދަތުރުތައް ހުއްޓާލަނީ

ބަޖެޓު އެއާލައިން "ރަޔަން އެއަރ"ގެ ސީއީއޯ މައިކަލް އޯލެރީ ވަނީ އިޒްރޭލުގެ ސަލާމަތީ ހާލަތާ މެދު އެ ކުންފުނީގެ "ކެތްތެރިކަން ކޮޅުން ލާފައިވާ ކަން" އިޢުލާނުކޮށްފައެވެ. އަދި ބެން ގޫރިއަން އެއަރޕޯޓުން އެ ކުންފުނީގެ މަތިންދާބޯޓުތައް ގެންގޮސް ޔޫރަޕުގެ އެހެން މަންޒިލުތަކަށް ބަދަލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

ރަޔަން އެއާގެ ކުންފުނީގެ މާލީ ނަތީޖާތައް އިޢުލާނުކުރުމަށްފަހު، އެނަލިސްޓުންނާއެކު ބެއްވި ފޯނު ކޯލެއްގައި އޯލެރީ ބުނެފައިވަނީ، "އަޅުގަނޑު ޤަބޫލުކުރާގޮތުގައި އިޒްރޭލުގެ ހާލަތާމެދު އަޅުގަނޑުމެން ކެތްތެރިކަން ކޮޅުން ލައިގެން ދަނީ… ތެލް އަވީވްއަށް ކުރާ ދަތުރާއި އަދި އެތަނުން ފުރާ ދަތުރުތައް ވަނީ ބުރައަކަށް ވެފަ" ކަމަށެވެ. އަދި މި ސަލާމަތީ ހަމަނުޖެހުންތައް ދެމިގެންދާނަމަ، ބޯޓުތައް ޔޫރަޕުގެ އެހެން ތަނަކަށް ބަދަލު ކުރާނެ ކަމަށެވެ.

އެ ކުންފުނިން ވަނީ މި މަހުގެ ކުރީކޮޅު އިޒްރޭލަށް ކުރާ ދަތުރުތައް ހުއްޓާލާފައެވެ. އެއީ ބެން ގޫރިއަން އެއަރޕޯޓުގެ 3 ވަނަ ޓާމިނަލް ކައިރިއަށް ޙޫތީންގެ މިސައިލެއް ވެއްޓުމާ ގުޅިގެންނެވެ.

އޯލެރީ ބުނީ ދަތުރުފަތުރުތައް އަލުން ފެށުމަށް އެންމެ އަވަހަށް ލަފާކުރެވޭ ތާރީޚަކީ ކުރިއަށް އޮތް ޖޫން މަސް ނިމިގެންނެވެ.

މި އިންޒާރުތައް އަންނަނީ، 31 މާރޗް ގައި ނިމުނު މާލީ އަހަރުގައި އެ ކުންފުނީގެ ފައިދާ 16% އަށް ދަށްވެފައިވާ ދަނޑިވަޅެއްގައެވެ. ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.6 ބިލިއަން ޔޫރޯ (ގާތްގަނޑަކަށް 1.74 ބިލިއަން ޑޮލަރު) އެވެ. މިއީ ޓިކެޓް އަގުތައް 7% އަށް ދަށްވުމުގެ ސަބަބުން ކުރިމަތިވި ހާލަތެކެވެ. ނަމަވެސް، ކުންފުނިން ލަފާކުރަނީ މި އަހަރު ގެއްލުން ފޫބެއްދޭނެ ކަމަށެވެ. އެއީ ޑިމާންޑް އިތުރުވުމާއެކު އަގުތައް މައްޗަށް ޖެހުމުގެ ސަބަބުންނެވެ.

ހިއްސާ ކުރައްވާ!