އިޒްރޭލު ސިފައިން ދަންޖެހޭ ނިސްބަތް އިތުރު ވަނީ

އިޒްރޭލު މީޑިއާއިން ރިޕޯޓު ކުރާގޮތުގައި އިޒްރޭލުގެ ސިފައިންގެ ތެރޭގައި ދަންޖެހުން ވަނީ އާންމު ކަމަކަށް ވެފައެވެ. ޣައްޒާގައި ހަނގުރަމައިގެ ޖަރީމާތައް ހިންގުމުން މިހާތަނަށް މަދުވެގެން 35 ސިފައިންނާއި އޮފިސަރުން އަމިއްލައަށް މަރުވެފައިވާ ކަން އެނގޭ ކަމަށާއި އޭގެ ތެރެއިން 26 މައްސަލަ 2024 ވަނަ އަހަރު ނިމުނުއިރު ހިނގާފައިވާ ކަމަށެވެ.

މިހާތަނަށް ހަނގުރާމައިގައި ގެއްލުން ލިބުނު މީހުންގެ ގޮތުގައި 78،000 އަށް ވުރެ ގިނަ ސިފައިން ގިންތިކޮށްފައިވާއިރު، އޭގެ ތެރޭގައި ނަފްސާނީ އަނިޔާ ލިބިފައިވާ 26،000 ސިފައިން ހިމެނެ އެވެ. އަދި ޣައްޒާ ހަނގުރާމައިގެ ސަބަބުން 7،000 ސިފައިންނަށް ނަފްސާނީ ބަލިޖެހިފައިވާ ކަމަށް ބުނެއެވެ.

އެ ރިޕޯޓުގައި ނަން ނުޖެހޭ އޮފިސަރަކު ބުނި ގޮތުގައި ބިއުރޯކްރެޓިކް ނުކުޅެދުމާއި ފަރުވާ ކުޑަކަމުން ނަފްސާނީ ސިއްހަތުގެ މައްސަލަތައް އިތުރަށް ގޯސްވެފައިވެއެވެ. އަދި ނަފްސީ ބަލި ޖެހޭ ސިފައިންނަށް ޕްރޮފެޝަނަލް ފަރުވާއެއް ނުލިބެ އެވެ. މިކަމުގެ ސަބަބުން ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވުމުގެ ނިސްބަތް އިތުރުވަމުންދެއެވެ.

ސިފައިންގެ ރިހެބިލިޓޭޝަން ޑިޕާޓްމަންޓުން މާޗް 9 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާ ހަނގުރާމައިގެ ކުރިން ޒަޚަމްވި ސިފައިންގެ އަދަދު 62،000 އިން 78،000 އަށް އަރާފައިވެއެވެ. އޭގައި، ގިނައީ ރިޒާވިސްޓުންނެވެ. އަދި %51 އަކީ އުމުރުން 30 އަހަރުން ދަށުގެ މީހުންނެވެ. ނަމަވެސް އެވާހަކައިގައި ފުށުއަރާ އަދަދުތަކެއް ވަނީ ފެންމަތިވެފައެވެ.

ޔެޑިއޮތު އަހްރޮނޮތު ނޫހުން ރިޕޯޓްކުރި އިޒްރޭލުގެ ސިފައިންގެ ޑޭޓާއިން ފުރަތަމަ ދައްކަނީ 12،000 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. ނމަވެސް ފަހުން އެއަދަދު ބަދަލުކޮށް 10 ހާސް އުނިކޮށްފައި އޮންލައިން ކޮށް ރިޕޯޓު ކޮށްފައި ވެއެވެ.

އިޒްރޭލު ސިފައިންގެ މެންޕަވަރ ޑިވިޜަނުން ވަނީ 5،900 އެއްހާ މީހުން ޒަޚަމްވެފައވާ ކަމަށްވެސް ބުނެފައެވެ.

ހިއްސާ ކުރައްވާ!