ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު، މ. މުލީ އެއާރޕޯޓް އިފްތިތާޙު ކޮށްދެއްވުމާއެކު، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއަރޕޯޓެއް އޮންނަ ރަށަކަށް ދެވޭ ގޮތް ހައްދަވައިދެއްވުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދު، މުލަކު އަތޮޅުގައި ވަނީ ފުއްދަވައި ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މ. މުލީ އެއާޕޯޓަކީ ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދައިދޭނެ ދޮރޯއްޓެއްގެ ގޮތުގައި ވެގެންދާނޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ، މިއަދު ހެނދުނު، މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ އެކަމަށްޓަކައި މުލީ އެއާޕޯޓްގައި އޮތް ރަސްމިއްޔާތުގައެވެ.
"މާތް ﷲގެ ވާގިފުޅާއެކު މިއަދަކީ މ. މުލީގެ ތަރައްޤީއަށް ކުރަން ހުރި ގިނަ ކަންތައްތަކެއްގެ ފެށުން" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއީ، އެ އަތޮޅަށް އިޤްތިޞާދީ ކުރިއެރުން ހޯދައިދެނިވި ދޮރޯއްޓެއް ކަމުގައި ސިފަ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، މުލީގެ ޢުމްރާނީ ތަރައްޤީއަށް ސަރުކާރުން ރާވައިފައިޥާ ކަންތައްތަކާ ބެހޭ މަޢުލޫމާތުވެސް ރައްޔިތުންނާ ޙިއްސާކޮށް ދެއްވާފައެވެ. އެގޮތުން، އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް 2026 ވަނަ އަހަރު ފައްޓަވައި ދެއްވާނެކަމުގެ ޔަޤީންކަން، ދެއްވިއެވެ.
އަދި ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް އަންނަ އަހަރަށް ތާވަލް ކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ.
ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ރާވާފައިވާ ތަރައްގީގެ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދާއިރާއިން، މ. މުލީގައި 300 ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކޮށް، އާބާދީ އެއްފަސް ކުރުމަށް ބާރުއަޅުއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާބާދީ އެއްފަސްކުރުމަކީ އެއްބަޔަކު އަނެއްބަޔަކާ ގުޅިލާމެހިގެން ނޫނީ ނުވާނެ ކަމެއްކަމުގައެވެ. އެހެންވެ، ތަރައްޤީ މަސައްކަތުގައި ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުމަށް ރައީސުލްޖުމްހުރިއްޔާ ގޮވާލެއްވިއެވެ. އަދި އެއާޕޯޓްތައް ތަރައްޤީކުރެވި، ބިންހިއްކައި، އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދެވޭ ރަށްރަށަކީ ސަރަޙައްދީ ގޮތުން ތަރައްޤީ ކުރެވޭ ރަށްތަކެއްގެ ގޮތުގައި ބަލައި، އެހެން ރަށްރަށުގެ ރައްޔިތުންވެސް އެކަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގެންނެވިއެވެ.
އެފަސް ކުރުމުގެ ވާހަކަ ވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، މ. މުލަކާއި އެ އަތޮޅު ނާލާފުށި ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް މި ދަތުރުފުޅުގައި ފަށްޓަވައި ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
އަދި 2026 ވަނަ އަހަރުގެ ބަޖެޓްގެ ތެރެއިން މ. ނާލާފުށީ ބިން ހިއްކައި، ބަނދަރު އަޕްގްރޭޑްކޮށް ބޮޑުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްދެއްވާނެކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސަވައިދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށާ، އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއް ކަމުގައި ވިދާޅުވެ، އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވައިލެއްވީ، މުލީ އެއާޕޯޓްގެ ނަތީޖާ، މާތް ﷲގެ އިރާދާފުޅާއެކު ރަނގަޅުވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
މ. މުލީ ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކުރެވުނީ 2014 ވަނަ އަހަރުއެވެ. އެއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވީ، އޭރުގެ ސަރުކާރުގައި ވަޒީރެއްގެ ފެންވަރުގައެވެ.
މިއަދު މުލީގައި ފުރިހަމަ އެއާޕޯޓެއް ތަރައްޤީކޮށް، ރަސްމީކޮށް ހުޅުވިގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއި ޚާއްޞަ އިރުޝާދުގެ ދަށުންނެވެ. އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދެވުމުގެ އަމަލީ މަސައްކަތްތައް، އައު އެއްބަސްވުމެއްގެ ދަށުން އަލުން ފެށުނީ 2024 ވަނަ އަހަރުގައެވެ.
މުލީ އެއާޕޯޓަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީއާ ޙަވާލުކުރައްވައިގެން ހަލުވި ދުވެލީގައި ނިންމެވި ފުރިހަމަ މަޝްރޫޢެކެވެ.







