މުލީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ކަންކަމަކީ ކައުންސިލަށް އަމިއްލައަށް ކުރެވޭނެ ކަންކަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މ. މުލީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމުން އެބޭފުޅުން ވަނީ، މުލީ އެއާޕޯޓް ތަރައްޤީވެގެން ދިއުމާ ގުޅިގެން ޝުކުރު އަދާކުރައްވާފައެވެ. އަދި އެއީ، 30 އަހަރު ދުވަހުގެ ދިގު އިންތިޒާރުގެ ނިމުން ކަމުގައި އެބޭފުޅުން ފާހަގަ ކުރެއްވިއެވެ.

މުލީ ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވުމާއެކު، ރައްޔިތުން ބޭނުންވާ ކަންކަން ކައުންސިލުން ރައީސްގެ ސަމާލުކަމަށް ގެންނެވިއެވެ، އެއިން ގިނަ ކަންކަމަކީ ލާމަރުކަޒީ ނިޒާމުގެ ތެރޭން ކައުންސިލްގެ އިސްނެންގެވުމާއެކު މިހާރުވެސް ކުރިއަށް ގެންދެވިދާނެ ކަންކަމެވެ.

މުލީ ކައުންސިލުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި:

  • ސްކޫލުގެ ކްލާސްރޫމްތައް އޭ.ސީކޮށްދެއްވުން
  • ރަށުން ރިހެބިލިޓޭޝަންގެ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުން
  • އިންސާނީ ވަޞީލަތް ޤާއިމުކުރުމަށް އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް އިސްކަން ދެއްވުން ހިމެނެއެވެ. އަދި ރަށުގެ ރައްޔިތުން ޕިކްނިކްދާނެ ވަކި ރަށެއް ތަރައްޤީކޮށްދެއްވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއާއި ޞިއްޙީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިން ބޭނުންވާކަންކަން ވެސް ކައުންސިލުން ޙިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު ވަޢުދުވެފައިވާ ކަންކަން ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ހިއްސާ ކުރައްވާ!