އިޒްރޭލަކީ ދުނިޔެއަށް ލައިގަނެފައިވާ މުސީބާތެއް

ވިލާތު އިއްތިހާދާއި އިޒްރޭލާ ދެމެދުގެ ވިޔަފާރީގެ އެއްބަސްވުން މުރާޖައާ ކުރަން އީޔޫގެ ކަލާސް އަންގަވައިފިއެވެ. ޔޫރަޕިއަން ޔޫނިއަންގެ އެންމެ އިސް ޑިޕްލޮމެޓް ކާޖާ ކަލާސް ވަނީ އީޔޫ އާއި އިޒްރޭލުގެ މެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މުރާޖައާ ކުރުމަށް ގޮވާލައްވާފައެވެ. މި ފިޔަވަޅު އަޅުއްވަނީ ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގައި އާބާދީއެއް އެއްކޮށް ބަނޑަށް ޖެއްސުމުން އިޒްރޭލަކީ ޔޫރަޕްގެ ޖަމާއަތުގެ ނަމަށް ހުތުރު ނަން ލިބޭ ނުހޮރޮއްޕާނަކަށް ވުމާ ގުޅިގެންނެވެ.

ކަލާސް ވިދާޅުވި ގޮތުގައި މި ކަން މުރާޖައާ ކުރުމަށް ތާއީދު ކުރާ ވަރުގަދަ އަޣުލަބިއްޔަތެއް އީޔޫގެ މެންބަރު ގައުމުތަކުގެ މެދުގައި އެބައޮތެވެ. އަދި މިކަމަކީ އިޒްރޭލުގެ ސަރުކާރަށް ޕްރެޝަރު ކުރުމަށް އެޅޭ ފިޔަވަޅެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"މިދެމެދުގައި އިންސާނީ އެހީ ވެއްދުމަށް ހުއްދަ ދިނުމަކީ އިޒްރޭލުގެ ކަމެއް. މި ނިންމުމަކީ ބަދަލު ކުރެވިދާނެ އަދި އިޒްރޭލުން ކަން ކުރާ ގޮތަށް ބަރޯސާވާ ނިންމުމެއް،" ކަލާސް ވިދާޅުވިއެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޑޭވިޑް ލަމީ ވަނީ ޣައްޒާއާ ދެކޮޅަށް ކުރާ ފަނާކުރަނިވި ހަނގުރާމައާ ގުޅިގެން އިޒްރޭލާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ މަޝްވަރާތައް ހުއްޓާލާނެކަމަށާއި އިޒްރޭލަށް ބައެއް ހަތިޔާރު ސަޕްލައި ކުރުން ހއްޓާލާނެ ކަން އިއުލާން ކުރައްވާފައެވެ. ލަމީ ވިދާޅުވި ގޮތުގައި ޣައްޒާގެ ހާލަތަކީ މުސީބާތެކެވެ. އަދި އިޒްރޭލުން އެހީ ވެއްދުމަށް ހުއްދަ ދިނުމުން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް، އެއީ ކަނޑަށް ޖެއްސޭ ތިއްކެއް ފަދަ ކުޑަ އެއްޗެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކަލާސް އިތުރަށް ވިދާޅުވި ގޮތުގައި މި މައްސަލަ އިޒްރޭލުގެ އިސްވެރިންނާއެކު ކުރެވުނު މަޝްވަރާތަކުގައި ވެސް ފާހަގަކުރެވިފައި ވާނެ އެވެ. އަދި އދ. އާއި ސަރަހައްދީ ލީޑަރުންނާ ވެސް މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުރާނަ ސަލާމަތް ކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސްކަމެއް ދޭންޖެހޭ ކަމެއް،" ކަލާސް ވިދާޅުވިއެވެ.

މި ފިޔަވަޅުތަކުން ދޭހަވަނީ ޣައްޒާގެ ހާލަތާ މެދު ބައިނަލްއަޤްވާމީ މުޖުތަމައުގެ ކަންބޮޑުވާ ކަމަށާއި އިޒްރޭލު މިހާރު ނުހޮއްޕާނެއްގެ ގޮތަށް ޔޫރަޕަށް ފެންނަ ކަމަށެވެ.

ހިއްސާ ކުރައްވާ!