ދުޅަހެޔޮ ދިވެހިރާއްޖެއަކަށް: ޖެނެރޭޝަން ބޭން ޤާނޫނު ތަސްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފިއެވެ. މި އިޞްލާޙާއެކު ދިވެހިރާއްޖޭގެ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގިނަ ބަދަލުތަކެއް އަންނާނެއެވެ.

މި އިޞްލާޙުގެ އެންމެ މުހިންމު ބަދަލަކީ 1 ޖެނުއަރީ 2007 ން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން މަނާކުރުމެވެ. މީގެ ސަބަބުން މުސްތަޤުބަލުގައި ދިވެހި މުޖުތަމަޢަކީ ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ވެގެންދާނެއެވެ.

މީގެ އިތުރުން، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، އަދި ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ މެޝިނަރީއާއި އާލާތްތައް ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާވާނެއެވެ. އަދި ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސަރކުރުން، އަދި ޕްރޮމޯޓްކުރުން ފަދަ ކަންކަން މުޅީން މަނާވެގެންދާނެއެވެ.

ޤާނޫނާ ޚިލާފަށް ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދީފައިވާއިރު، އަތުލައިގަނެވޭ ތަކެތި ނައްތާލެވޭނެ ނިޒާމެއްވެސް ކަނޑައެޅިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތުގައި ސިއްޙީ މާހިރުންނާއި ކަމާގުޅުންހުރި ތަންފީޒީ އިދާރާތަކުގެ އިސްވެރިންނާއި 2007 ގެ ފަހުން އުފަންވި ބައެއް ދަރިވަރުން ބައިވެރިވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި އިޞްލާޙާ ގުޅޭގޮތުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވައި، އަންނާނެ ބަދަލުތަކާއި ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މި އިޞްލާޙަކީ ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު ސަލާމަތްކޮށް، މަސްތުވާތަކެއްޗާއި ނޭދެވޭ އާދަތަކުން ދުރުހެލިވެފައިވާ ދުޅަހެޔޮ އަދި ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ޖެނަރޭޝަނަލް ބޭންގެ ވާހަކަ އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވީ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މާރިޗު 27، 2025ގައެވެ.

މި ބިލަކީ، 13 މޭ 2025 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.

ހިއްސާ ކުރައްވާ!