ޒަޔަނިސްޓުން ޑިޕްލޮމެޓުންނާ ދިމާއަށް ބަޑި ޖަހައި ބިރުދެއްކުން ސަރުކާރުން ކުށްވެރިކޮށްފި

އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ޖެނިންގައި ޑިޕްލޮމެޓިކް ވަފުދަކަށް ތިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ޖެނިންގައި ޔޫރަޕާއި އަރަބިންގެ އަދި އދގެ ޑިޕްލޮމެޓިކް ވަފުދަކަށް ބަޑިޖަހައި އިސްރާއީލުގެ ސިފައިން އެފަރާތްތައް ބިރު ގެންނެވުމަށް ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެ މިއަދު ބަޔާނެއް ނެރެފިއެވެ. އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ހިންގި "ބައިނަލްއަޤްވާމީ ޤާނޫނާއި ޑިޕްލޮމެޓިކް އުޞޫލުތަކާއި ހިލާފު މި އަމަލަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށާއި، މިއީ ބައިނަލްއަޤްވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރިކުރެވެންޖެހޭ ކަމެއް" ކަމަށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި އޮތެވެ.

"އިސްރާއީލުގެ މި އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން (އިސްތިއުމާރީ ބާރެއްގެ ހައިސިއްޔަތުން) އިސްރާއީލަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކާއި މުޅިން ހިލާފުކަމެއްކަމަށާއި، ޑިޕްލޮމެޓިކް މިޝަންސްތަކާއި، ޑިޕްލޮމެޓިކް މުވައްޒަފުންނަކީ ވިއެނާ ކޮންވެންޝަންގެ ދަށުންވެސް އިމްތިޔާޒުތަކާއި ރައްކާތެރިކަން ލިބިފައިވާ ތަންތަނާއި ފަރާތްތަކެއް" ކަމަށް ވެސް ދިވެހި ސަރުކަރުން ބުނެފައި ވެއެވެ.

ދިވެހި ސަރުކާރުން ވަނީ އިޒްރޭލު ޒިންމާދާރު ކުރުމަށްވެސް ގޮވާލާފައެވެ.

"އިސްރާއީލްގެ މި އަމަލުތައް، ކުށްވެރިކޮށް، ބައިނަލްއަޤްވާމީ މުޖުތަމައުން، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތައް މުގުރާލައި ދެމުންދާ ހަމަލާތަކަށް ޖަވާބުދާރީކުރުވައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޢާހަދާތަކާއި ޑިޕްލޮމެޓިކް އުޞޫލުތަކާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްވެސް ގޮވާލަމެވެ." ޚާރިޖިއްޔާގެ ބަޔާނުގައި އޮތެވެ/.

ހިއްސާ ކުރައްވާ!