ހާވަޑް ޔުނިވަރސިޓީގައި ކިޔަވާ ބޭރުގެ ދަރިވަރުންނަށް ތްރަމްޕް ސަރުކާރުން ނުހޮރޮއްޕާން ކުރަމުން ދިއުމުގެ ސަބަބުން އެކުދިންގެ ކިޔެވުމަށް ބުރޫ އަރާފައިވާތީ، ހޮންގ ކޮންގުގެ ޔުނިވާސިޓިއަކުން އެ ދަރިވަރުންނަށް "ޝަރުޠެއް ނެތި" ކިޔެވުމަށް ފުރުޞަތު ދޭން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.
ހޮންގ ކޮންގ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (އެޗްކޭޔޫއެސްޓީ) އިން ބުނެފައިވަނީ، ކުރިއަށް އޮތް ތަޢުލީމީ އަހަރުގައި ކިޔެވުމަށް ހުރަސްއެޅިފައިވާ ދަރިވަރުންނަށް "އޮމާންކަމާއެކު ބަދަލުވުމަށް" އެހީތެރިވެދޭނެ ކަމަށެވެ.
ކުރިއަށް އޮތް އަހަރު ހާވަޑަށް ބޭރުގެ ދަރިވަރުން ވެއްދުން ހުއްޓުވުމަށް ވައިޓް ހައުސްއިން ކުރި މަސައްކަތް ކޯޓުން ވަނީ ހުއްޓުވާފައެވެ. އެއީ އެމެރިކާގެ އެންމެ ގަދީމީ – އަދި އެންމެ މުއްސަނދި – ޔުނިވަރސިޓީ އެވެ. ޓްރަމްޕް ސަރުކާރުން ހާރވާޑާއެކު ކުރަމުންދާ ހަނގުރާމައިގައި އެ ޔުނިވަރސިޓީން ވަނީ މުވައްޒަފުން ނެގުމާއި ކިޔަވައިދިނުމުގެ ގޮތް ބަދަލުކުރުމަށް ސަރުކާރުން ކުރި އަމުރަށް ތަބާ ނުވާނެ ކަމަށް ބުނެ ޓްރަމްޕަށް ގޮން ޖަހާފައެވެ.
އެމެރިކާ ސަރުކާރުން މިހާރު ދަނީ ޚިޔާލު ތަފާތުވާ މީހުންނާއި މިނިވަން ޚިޔާލަށް ބާރުއަޅާ މީހުންނާއި ޔަހޫދީންގެ ޖަރީމާތަކާ ދެކޮޅު ހަރަކާތްތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ އެންމެ މަތީ ފަންތީގެ ކޮލެޖުތަކާ ދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ.
ހާވަޑްގެ ތަރުޖަމާނެއް ނިއުސްވީކަށް ބުނެފައިވަނީ ޓްރަމްޕްގެ މި އައު ފިޔަވަޅަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި، "ބޭރުގެ ދަރިވަރުންނާއި ސައިންޓިސްޓުން ބަލައިގަތުމުގެ ޤާބިލުކަން ހާވަޑްގައި ދެމެހެއްޓުމަށް ޔުނިވަރސިޓީން ފުރިހަމައަށް އަޒުމު ކަނޑައަޅާފައިވާ ކަމަށެވެ. ހާވަޑުން މިހާރުވެސް ވަނީ 2 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފެޑެރަލް ފަންޑިންގ ކަނޑާލުމާ ގުޅިގެން ދަޢުވާ އުފުލާފައެވެ.
ހޮންގކޮންގެ މި އިޢުލާން އައިސްފައިވަނީ ޗައިނާ ސަރުކާރުން މި ފިޔަވަޅާމެދު ފާޑުކީތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. މިހާރު ހާވާރޑްގައި 1،000 އަށްވުރެ ގިނަ ޗައިނާގެ ދަރިވަރުން ކިޔަވަމުން ދެއެވެ.
ފާޑުކިޔާ ފަރާތްތަކުން އިންޒާރުދީފައިވަނީ ޓްރަމްޕް އިދާރާގެ މި ފިޔަވަޅުގެ ސަބަބުން އެމެރިކާގައި އުނގެނުމަށް އަންނަ އެންމެ ޤާބިލު ބޭރުގެ ދަރިވަރުން މަދުވެދާނެ ކަމަށެވެ.





