މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހަވީރު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
އޮރެންޖް ހިޔާ ބިލްޑިންގގައި ބޭއްވުނު މި ހަފުލާގައި ސެންޓަރު އިފްތިތާޙު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ސެންޓަރުން ޚިދުމަތް ދެއްވާ ފަރާތްތަކާއި، ޚިދުމަތް ހޯދާ ބައެއް ފަރާތްތަކާ ބައްދަލުކޮށްލައްވައި އެބޭފުޅުންގެ ޝުޢޫރުތައް ވެސް އަޑުއައްސަވާފައެވެ.
ތެލެސީމިއާ ބަލިމީހުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. މިގޮތުން މި ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަޝްރޫޢު މަޑުޖެހިފައި އޮތުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަޝްރޫޢު އަވަހަށް ނިންމުމަށް ސިފައިންނާ ހަވާލު ކުރައްވާފައެވެ. ސިފައިން ވަނީ ގާތްގަނޑަކަށް އެއް މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަކޮށް ދީފައެވެ.
އައު ސެންޓަރުގައި ޖެނެރަލް ވޯޑުގެ އިތުރުން އަންހެނުންނަށާއި ކުޑަކުދިންނަށް ޚާއްޞަ ވޯޑުތައް ހިމެނެއެވެ. އަދި ލޭ ރައްކާކުރުމުގެ ޖާގަ 200 ލޭ ޕައިންޓުން 600 ލޭ ޕައިންޓަށް އިތުރު ކުރެވިފައި ވެއެވެ.
މީގެ އިތުރުން، 16 އައު މުވައްޒަފުން ވަނީ ސެންޓަރަށް އިތުރުކުރެވިފައެވެ. އޭގެ ތެރޭގައި 5 ނަރުހުންނާއި، 6 ލެބް ޓެކްނީޝަނުން އަދި ދާއިމީ ފިޒީޝަނެއް ހިމެނެއެވެ.
ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އޮރެންޖް ހިޔާއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމަށް، ބަސް ކާޑެއް މިހާރު ވަނީ ތަޢާރަފުކޮށް އެފަރާތްތަކާ ހަވާލުކޮށްފައެވެ. އަދި ބަހުގެ ޚިދުމަތް މިހާރު ވަނީ ދޭންފަށާފައެވެ.
މި އައު ސެންޓަރު އިފްތިތާޙުކުރުމާއެކު، ތެލެސީމިއާ ބަލިމީހުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
މި މަހު ކުރިއަށްދިޔަ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ހަރުދަނާ ކުރެއްވުމުގެ ގޮތުން، އެ ސެންޓަރުގެ އިދާރީ ހިންގުމާއި ޚިދުމަތުގެ ގަޑިތަކަށް ބަދަލުގެންނަވައި، މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިންގ ބޯޑުގެ ދަށަށް، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް. ބީ. އެސް) ވަރަށް އަވަހަށް ބަދަލުކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި މިހާރު ވަނީ އެކަން އެގޮތަށް ހަމަޖައްސަވާފައެވެ.
މީގެ އިތުރުންވެސް، މި އަހަރުގެ ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި، މި ޤައުމުން ލިބިދޭ ހުރިހާ ފުރުޞަތަކާއި ޙައްޤުތަކެއް، ތެލެސީމިއާ ކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން ޢަމަލާއި ބަހުން އެންމެންވެސް ސާބިތުކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި، އެކަން ހަޤީޤަތަކަށް ހެއްދެވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
ފޮޓޯ: ރައީސް އޮފީސް







