ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު 8 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް ކަމަށެވެ. މިކަން ރައީސް ފާހަގަކުރެއްވީ އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ފުރަތަމަ 235 ޙައްޖުވެރިންނަށް ސަޢޫދީ ސަރުކާރުން ވަރަށް ހޫނު މަރުޙަބާއަކާއެކު ފުރިހަމަ މެހެމާންދާރީއެއް އަދާކޮށްފައިވާ ކަމަށެވެ. އެގޮތުން، ޙައްޖުވެރިން އެއަރޕޯޓުގައި ގިނަ ވަގުތު މަޑުކުރަން ނުޖެހުމާއި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހުން ފަދަ ބޮޑެތި ލުއިތަކެއް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ މި ފަހަރުގެ މުޅި ޙައްޖު ދަތުރުވެސް ދިވެހި ޙައްޖާޖީންނަށް މިފަދަ އެތައް ލުޔެއް ލިބި، ޚިދުމަތުގެ ފެންވަރުވެސް ރަނގަޅު ވާނެ. ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ރައީސް އުންމީދު ކުރައްވަނީ ކުރިމަގުގައި މިއަށްވުރެވެސް ކަންކަން ފަހިވާނެ ކަމަށެވެ. މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ސަޢޫދީ އަރަބިއްޔާއިން ޙައްޖު އަދި އުމްރާ ދަތުރުތައް ފަސޭހަކުރުމަށް ތަޢާރަފުކޮށްފައިވާ އައު ޕްރޮގްރާމެއް ކަމަށްވާއިރު، މި ޕްރޮގްރާމުގެ ސަބަބުން ދިވެހި ޙައްޖުވެރިންނަށް ލިބޭނެ ފައިދާތަކާމެދު ގިނަ ފަރާތްތަކުން އުފާވެފައިވާކަން ފާހަގަކުރެވެއެވެ.






