ކެނެޑާގެ 45 ވަނަ ޕާލިމެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ޗާލްސް ރަސްގެފާނު 3 ވަނަ ވަނީ ތާރީޚީ ތަޤްރީރެއް ދެއްވާފައެވެ. މި ތަޤްރީރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެނެޑާ އެއްކޮށްލުމުގެ އިންޒާރުތަކަށް ނުސީދާކޮށް ރައްދު ދެއްވަމުން، ކެނެޑާގެ މިނިވަންކަމާއި ސިޔާދަތު އިސްކުރައްވައި ރަސްގެފާނު ވާހަކަފުޅު ދެއްކެވިއެވެ.
2022 ގައި ތަޚުތަށް އަރާވަޑައިގަތުމަށްފަހު ކެނެޑާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، ޗާލްސް ރަސްގެފާނު ވިދާޅުވީ ކެނެޑާއަކީ "ސާބިތު އަދި މިނިވަން ޑިމޮކްރެޓިކް" ޤައުމެއް ކަމަށެވެ. އަދި ކެނެޑާގެ ޑިމޮކްރެޓިކް އަގުތަކާއި އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤު ފާހަގަ ކުރެއްވިއެވެ.
ބޮޑު ވަޒީރު މާކް ކާނީގެ އޮފީހުން ތައްޔާރުކުރެއްވި މި ތަޤްރީރުގައި، ކެނެޑާގެ ސިފައިން ވަރުގަދަކުރުމާއި ފެންޓަނިލް އެތެރެކުރުން ފަދަ މައްސަލަތަކަށް އަމާޒުކޮށް ރޭވިފައިވާ ޕްލޭންތައް ހާމަކުރެއްވިއެވެ. މިއީ އެމެރިކާއިން ކިޔަމުންދާ ފާޑުކިޔުންތަކަށް ދެވޭ ޖަވާބެއްގެ ގޮތުގައިވެސް ބެލެވެއެވެ.
ޗާލްސް ރަސްގެފާނަށް މި ތަޤްރީރު ދެއްވުމަށް ދަޢުވަތު އެރުވި ބޮޑު ވަޒީރު ކާނީ ވިދާޅުވީ މި ޒިޔާރަތަކީ ކެނެޑާގެ މިނިވަންކަމުގެ ނިޝާނެއް ކަމަށެވެ. ރަސްގެފާނުގެ ޚުޠުބަތުލްޢަރުޝީގެ ވާހަކަފުޅުތަކަށް ޕާލިމެންޓުގެ މެންބަރުން ތެދުވެ އަތްތިލަބަޑިޖެއްސެވެ.
ކެނެޑާ އެމެރިކާގެ 51 ވަނަ ސްޓޭޓަކަށް ހެދުމަށް ޓްރަމްޕް ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދުގައިވެސް ކެނެޑާގެ ސާބިތުކަން މި ތަޤްރީރުން ދައްކުވައި ދެއެވެ. 





