ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް ލުއިދިނުމުގެ މަސައްކަތް ފެށިއްޖެ: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ދައުލަތުގެ އިދާރާތަކުން ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށްދާ ކަމަށެވެ. މި މަސައްކަތުގެ ސަބަބުން، ޒަމާންވީ (ވާނުވާ ބަންދުގެ) މި މައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ވެއެވެ.

މި މަސައްކަތަކީ ޢަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް ބެލެވެއެވެ.

ޝަރީޢަތް ނިމެންދެން ދިގު މުއްދަތަކަށް ބަންދުގައި ތިބޭ މީހުންގެ މައްސަލަ ޙައްލުކުރުމަށް އާންމުންގެ ފަރާތުން ވަކާލާތު ކުރުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ.

މި އައު ނިޒާމުގެ ދަށުން، ކޯޓުން ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށް، އިލެކްޓްރޯނިކް މޮނިޓަރިންގގެ ނިޒާމާއެކު ބަންދުން ދޫކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ޖަލުތަކުގައި ތޮއްޖެހުން ކުޑަކުރުމަށާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާ  މުހިންމު ފިޔަވަޅެކެވެ.

ވާނުމާގެ މައްސަލައަށް ޙައްލެއް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނެންގެވުމުން، އާންމުންގެ ފަރާތުން އެމަސައްކަތަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ.ADV

ހިއްސާ ކުރައްވާ!