ތުރުކީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އިޢުލާން ކުރި އައު ގަވާއިދުތަކެއްގެ ދަށުން، މަތިންދާބޯޓު އެއާވޭ ބްރިޖަށް ލެފުމުގެ ކުރިން ބެލްޓު ނައްޓާލައި، އޯވަރހެޑް ކޮމްޕާޓްމަންޓްތަކުން ސާމާނު ނަގަން ދިމާ ކުރަނީ ނަމަ ޖުރިމާނާ ކުރެވޭނެއެވެ.
ޓާކިޝް ޑިރެކްޓަރޭޓް އޮފް ސިވިލް އޭވިއޭޝަން (އެސް.އެޗް.ޖީ.އެމް) އިން ބުނާ ގޮތުގައި މި މަހުގެ ކުރީކޮޅު ތަންފީޒު ކުރަން ފެށި މި އައު ގަވާއިދުތަކުގެ މަޤްޞަދަކީ ސަލާމަތްތެރިކަން އިތުރުކޮށް، ފަސިންޖަރުން ބޯޓުން ފޭބުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމެވެ.
ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ތުރުކީގައިވެސް މަތިންދާބޯޓު ޖެއްސުމާއެކު ގިނަ ފަސިންޖަރުން ތެދުވެ، ބޯޓުގެ އެތެރޭގައި ހޭލަމޭލަވާން ފަށާކަން ފާހަގަ ކުރެވެއެވެ. މިކަމުގެ ސަބަބުން ބޯޓުން ފޭބުމުގެ ކަންކަން ހަލަބޮލިވެ ދެއެވެ.
އައު ގަވާއިދުތަކުގެ ދަށުން، ތުރުކީގައި ދަތުރުކުރާ ހުރިހާ ކޮމާޝަލް މަތިންދާބޯޓުތަކެއްގައި، އިށީނދެ ތިބުމަށް އަންގާ އާންމު އިޢުލާނުގެ އިތުރު ބަދަލު ކުރެވިފައިވާ ވާޝަނެއް ވެސް އިއްވަން ޖެހޭނެއެވެ. މި އިޢުލާނުގައި ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަ ރެކޯޑު ކުރެވި، ރިޕޯޓު ކުރެވޭނެކަން އަންގަން ޖެހެއެވެ.
މީގެ އިތުރުން، ބޯޓުން ފައިބާއިރު ކުރިއަށް ދިއުމުގެ ބަދަލުގައި ކުރިމަތީގައި ތިބި މީހުން ފައިބަންދެން މަޑުކުރުމަށް ފަސިންޖަރުންނަށް އިރުޝާދު ދޭން ވެސް ޖެހެއެވެ.
އޭވިއޭޝަން އޮތޯރިޓީން ނެރުނު ސަރކިއުލަރގައި ގަވާއިދާ ޚިލާފުވާ ފަރާތްތައް ކުރެވޭނެ ޖޫރިމަނާގެ އަދަދު ބަޔާންކޮށްފައި ނުވިނަމަވެސް، ތުރުކީގެ މީޑިއާ ރިޕޯޓު ކުރާ ގޮތުގައި 70 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ.




