ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ސަޢޫދީ ޢަރަބިއްޔާގައި ތިއްބަވާނީ ސަޢޫދީ ރަސްގެފާނުގެ ޚާއްޞަ މެހްމާންދާރީގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުގެ ދެކަނބަލުން ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުންނާއި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީވެސް މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ހައްޖުކުރެއްވުމަށް ފުރާވަޑައިގަތުމަކީ ޤައުމަށް ލިބޭ ބަރަކާތެއް ކަމުގައި ބައެއް ރައްޔިތުން ދެކެއެވެ.
ސައޫދީ ރަސްގެފާނު ވަނީ ބޭރު ގައުމުތަކުން އެއްހާސް މެހުމާނުންނަށް ޝާހީ ހައްޖަކަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.






