ހުއްދަ ނެތް 269ހާސް މީހުން މައްކާއަށް ވަނުން މަނާކޮށްފި

ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން އިޢުލާނުކުރި ގޮތުގައި، ޙައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ރަސްމީ ހުއްދަ ނެތުމުގެ ސަބަބުން 269،000 އަށްވުރެ ގިނަ މީހުން މައްކާއަށް ވަނުން މަނާކުރެވިފައިވެއެވެ. މިއީ ހައްޖު މޫސުމުގައި ތޮއްޖެހުމާއި ގަވާއިދާ ޚިލާފު ޢަމަލުތައް މަދުކުރުމަށްޓަކައި އެޅި ފިޔަވަޅުތަކުގެ ބައެކެވެ.

ސައޫދީން ބުނާ ގޮތުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ރަސްމީ ހުއްދަ ނެތި މައްކާއަށް ވަނުމަށް މަނާ ކުރި މީހުންގެ ސާފު ޖުމުލައަކީ 269،678 މީހުން ނެވެ.

ސަޢޫދީ ސަރުކާރުން ފާހަގަކުރި ގޮތުގައި ކުރީގެ މޫސުންތަކުގައި ދިމާވި ތޮއްޖެހުމާއި ޙައްޖުގެ ހަލަބޮލިކަން މައިގަނޑު ގޮތެއްގައި ދިމާވެފައިވަނީ ރަސްމީ ހުއްދަ ނެތް މީހުންގެ ގިނަ ކަމުންނެވެ.

އަދި ފާއިތުވި އަހަރު ހޫނު ވުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ހުއްދަ ނެތި ޙައްޖުގެ އަޅުކަން އަދާކުރި މީހުންވެސް ހިމެނެއެވެ.

ހުއްދަ ނެތި ޙައްޖުގެ އަޅުކަން އަދާކުރާ ކޮންމެ މީހަކަށް 5،000 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ކުރުމާއެކު، ސައޫދީއަށް ވަނުން ވަކި މުއްދަތަކަށް މަނާކުރުމާއި އަނބުރާ ފޮނުވާލުން ފަދަ އަދަބުތައް ދިނުމަށް ހަމަޖެހިފައި ވެއެވެ.

މި އަހަރުގެ ޙައްޖުގެ ގަވާއިދުތަކާ ޚިލާފުވި 23،000 އަށްވުރެ ގިނަ ސަޢޫދީ ރައްޔިތުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވެއެވެ. އަދި ގަވާއިދުތަކާ ޚިލާފުވުމުގެ ސަބަބުން 400 ޙައްޖު ކުންފުނީގެ ލައިސަންސް ވެސް ބާޠިލުކުރެވިފައި ވެއެވެ.

ހިއްސާ ކުރައްވާ!