ސީރިއާގެ ވަގުތީ ރައީސް ޖައުލާނީ އެމެރިކާއަށް ވަޑައިގަންނަވަނީ

ސީރިއާ ޓީވީން ރިޕޯޓު ކުރި ގޮތުގައި، ސީރިއާގެ ރައީސް އަހްމަދު އައްޝަރުޢު ޖައުލާނީ، ސެޕްޓެމްބަރު މަހު އެމެރިކާގެ ނިއުޔޯކް ސިޓީއަށް ވަޑައިގެން އދ. ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވާނެއެވެ.

މިއީ 1967 ވަނަ އަހަރުން ފެށިގެން ސީރިއާގެ ލީޑަރަކު އދ. ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވާ ފުރަތަމަ ފަހަރެވެ.

ސައޫދީ އަރަބިއްޔާއިން މެދުވެރިއަކަށް ވެގެން، ޖައުލާނީއާއި ޓްރަމްޕްގެ ގުޅުން ރަނގަޅު ކޮށްދީފައި ވެއެވެ. ޖައުލާނީ ވަނީ މެއި މަހު 14 ވަނަ ދުވަހު ސައުދީ އަރަބިއާގެ ރިޔާޟުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލު ކުރައްވާފައެވެ.

މިއީ 25 އަހަރު ތެރޭގައި އެމެރިކާގެ ރައީސަކާއި ސީރިއާގެ ރައީސަކު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލު ކުރެއްވުމުން އިޒްރޭލާއި ސޫރިޔާގެ ގުޅުން ގާއިމު ކުރުމަށްވެސް ފުރުސަތު ފަހިވެފައި ވެއެވެ. އަދި އޭގެ ބަދަލުގައި ޓްރަމްޕަށް ސޫރިޔާގެ ވެރިރަށުގައި ޓްރަމްޕްގެ ނަމުން ހަރޮށި ބިނާއެއް އެޅުމަށް ބިމެއް ދިނުމަށްވެސް ޖައުލާނީ ވަނީ ނިންމަވާފައެވެ. ޓްރަމްޕް ވަނީ ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ހުރިހައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވެސް ނިންމާފައެވެ.

90 އިންސައްތަ ރައްޔިތުން ފަގީރުކަމުގައި ދިރިއުޅޭ ސޫރިޔާ ރައްޔިތުންނަށް މިއީ މުހިންމު ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!