ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން އުތުރު އަޔަލޭންޑްގެ ބެލީމެނާގައި ފެށި މުޒާހަރާތައް ދެވަނަ ރޭގައި ކުރިއަށް ދިޔައެވެ. ފުލުހުން ބުނާ ގޮތުގައި މިއީ ނަސްލީ ތަފާތު ކުރުމުގެ އަމަލުތަކާ ގުޅިފައިވާ ހަމަނުޖެހުމެކެވެ. މޫނު ނިވާކޮށްގެން ތިބި އެތައް ސަތޭކަ ބަޔަކު ވަނީ ދެވނަ ރޭ ވެސް ފުލުހުންނާ ކުރިމަތިލައި ހަމަލާދީ ގެތަކާއި ކާރުތަކުގައި ރޯކޮށްލައިފައެވެ.
މިހަމަ ނުޖެހުމުގައި އަމާޒުކޮށްފައިވަނީ ބިދޭސިންނަށެވެ. ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި ބިދޭސިއަކު ވަނީ އުތުރު އަޔަރލެންޑްގެ 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ.
ވެރިރަށް ބެލްފާސްޓާ ގާތްގަނޑަކަށް 45 ކިލޯމީޓަރު (30 މޭލު) ދުރުގައި އޮންނަ ބެލީމެނާގައި ހިނގާ ހަމަނުޖެހުން އަދިވެސް ކޮންޓްރޯލު ނުކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.
ރިއަޓް ގިއާގައި ތިބި އޮފިސަރުންނާއި އާމަރޑް ވެހިކަލްތަކަށް މުޒާހަރާ ކުރާ މީހުން ހަމަލަ ދިނީ ޕެޓްރޯލް ބޮމާއި ދަނގަނޑު ބުރިތަކުންނެވެ. ފުލުހުން ވަނީ ފެންބަޑިއާއި ރަބަރު ވަޒަންތަކުން ރައްދު ދީފަ އެވެ.
ބެލްފާސްޓް ޓެލެގްރާފް ނޫހުން ބުނިގޮތުގައި އިނގިރޭސިވިލާތުގެ ބައެއް ކަމަށްވާ އުތުރު އަޔަލޭންޑްގެ އެހެން ރަށްތަކާއި ސިޓީތަކުގައިވެސް މިހާރު މުޒާހަރާތައް ބާއްވަން ގޮވލަމުން ދެއެވެ.







