ތައިލެންޑްގެ ދުސްތޫރީ ކޯޓުން އެގައުމުގެ ބޮޑު ވަޒީރު ޕެޓޮންގްޓާން ޝިނާވަޓްރާ މިއަދު ސަސްޕެންޑް ކޮށްފިއެވެ. ޕެޓޮންގްޓާން އަކީ ތައިލެންޑްގެ ސިޔާސީ ނުފޫޒު ގަދަ ޝިނަވަޓްރާ އާއިލާގެ ބޭކަނބަލެކެވެ. އޭނާގެ ކުރިން އޭނާގެ ބައްޕަ ޓަކްޝިން ޝިނަވަޓްރާއާއި ބޮޑު ދައިތަ ޔިންގްލަކް ޝިނާވަޓްރާ ވަނީ ބޮޑު ވަޒީރުކަން ކުރައްވާފައެވެ.
ޓަކްޝިންގެ ވެރިކަން ވައްޓާލީ 2006 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުން ނެވެ. އަދި ޔިންގްލަކް ވެރިކަމުން ދުރުކޮށްފައި ވަނީ 2014 ވަނަ އަހަރު ކޯޓުން ކުރި ހުކުމަކުންނެވެ.
ތައިލެންޑްގެ ދުސްތޫރީ ކޯޓުން ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނާވަޓްރާ ސަސްޕެންޑް ކުރީ ކެމްބޯޑިއާގެ ލީޑަރު ހުން ސެން އާއި އެކު ކުރެއްވި ފޯނު ކޯލެއްގައި ތައިލެންޑްގެ ގައުމީ މަސްލަހަތަށް ނުރައްކާވާ ގޮތަށް ވާހަކަ ދެއްކެވިކަމަށް ބުނެ ފާއްދާލާފައިވާ އޯޑިއޯއަކާ ގުޅިގެންނެވެ. ބޮޑު ވަޒީރުގެ ސުލޫކީ މައްސަލައެއް ކުރިމަތިވެފައިވާ ކަން ފާހަގަކޮށް، 36 ސެނެޓަރަކު ވަނީ މައްސަލަ ހުށަހަޅާފައެވެ.
އުމުރުން 38 އަހަރުގެ ޕެޓޮންގްޓާން ސަސްޕެންޑް ކުރުމުން މިހާރު އޭނާ ވަނީ ސަގާފަތާ ބެހޭ ވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގެންފައެވެ. އަދި ވަގުތީ ގޮތުން ބޮޑު ވަޒީރު ކަމާ ހަވާލުވެ ވަޑައިގަތީ ބޮޑު ވަޒީރުގެ ނާއިބެވެ.
ފާޑުކިޔުންތެރިން ބުނާ ގޮތުގައި ޕެޓޮންގްޓާން ވަނީ އިންތިޚާބުގައި ވެވަޑައިގަތް ވައުދުތަކާ ޚިލާފްވެ ވަޑައިގެންފައެވެ. އެންމެ ދަށް މުސާރަ ކަނޑައެޅުމުގައި ނާކާމިޔާބުވެ ވަޑައިގެންފައެވެ. އަދި ޖުވާ ކުޅޭ ކެސިނޯތަކަށް ހުއްދަ ދެއްވާފައވެ.





