ޔަމަންގެ ވެރިރަށް ސަނާގައި ހުންނަ ޔަމަންގެ މަރުކަޒީ ބޭންކުން، 50 ރިޔާލުގެ އާ ކޮއިން ނެރުމަށް ނިންމާފައިވާކަން އިއުލާންކޮށްފިއެވެ. މި އާ ކޮއިން ދައުރުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.
މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ކޮއިން ނެރުމުގެ މައިގަނޑު ބޭނުމަކީ، މިހާރު ދައުރުކުރަމުންދާ ހަލާކުވެފައިވާ ކަރުދާސް ނޫޓުތަކުގެ މައްސަލައަށް ހައްލެއް ހޯދައި، ދައުރުކުރާ ފައިސާގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.
ބޭންކުން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި ފިޔަވަޅަކީ ގައުމީ ފައިސާއަށް އިތުބާރު އިތުރުކުރުމަށް ބޭންކުން ކުރާ މަސައްކަތުގެ ހެއްކެކެވެ. މީގެ ކުރިން 100 ރިޔާލުގެ ކޮއިން ނެރުނު އިރުވެސް މިކަން އިއުލާންކޮށްފައިވާ ކަމަށާއި، މިހާރުގެ މި ފިޔަވަޅަކީވެސް އެ ރޫޙުގައި، ހަލާކުވެފައިވާ 50 ރިޔާލުގެ ކަރުދާސް ނޫޓުތަކަށް ބަދަލެއްގެ ގޮތުގައި ނެރޭ ފައިސާ ކަމަށް ބުންޏެވެ.
ޔަމަންގެ މަރުކަޒީ ބޭންކުން ބުނެފައިވަނީ، މި އާ ކޮއިން ނޫޓު ޑިޒައިންކޮށް، ވިރުވައި އެޅުމުގައި އެންމެ މަތީ ފަންނީ އަދި ސަލާމަތީ މިންގަނޑުތަކަށް ފެތޭ ގޮތަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ. މީގެ ސަބަބުން މި ނޫޓުގެ ދެމެހެއްޓެނިވިކަމާއި ދައުރުކުރުން މެނޭޖުކުރުމަށް ފަސޭހަވާނެކަމަށް ބޭންކުން ބުންޏެވެ.
ހަލާކުވެފައިވާ ކަރުދާސް ނޫޓުތައް މި އާ ކޮއިން ނޫޓަށް ބަދަލުކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މަރުކަޒީ ބޭންކުގެ މައި އޮފީހާއި ގައުމުގެ އެކި ހިސާބުތަކުގައިވާ ބްރާންޗުތަކުގައި ފައިސާ ބަދަލުކުރުމުގެ މަރުކަޒުތައް ހަމަޖައްސާފައި ވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ. މި މަރުކަޒުތަކުން ރަސްމީ ގަޑިތަކުގައި ރައްޔިތުންނަށް ހިދުމަތްދެމުންދާނެއެވެ.
ޔަމަންގެ މަރުކަޒީ ބޭންކުން ސަންއާގައި، 2024 ވަނަ އަހަރުގެ މާރިޗު މަހު ވަނީ 100 ރިޔާލުގެ އާ ކޮއިނއްވެސް ނެރެފައެވެ. އެއީ ސަންއާއާއި ޔަމަންގެ އުތުރުގެ ގިނަ ޕްރޮވިންސްތަކުގެ ކޮންޓްރޯލް ހޯދުމަށްފަހު ފުރަތަމަ ފަހަރަށް ނެރުނު ކޮއިން ނޫޓެވެ. މިނޫޓު ނެރެފައިވަނީ ހޫސީ ލީޑަރު އަބްދުލްމަލިލު ހޫސީގެ އިރުޝާދުގެ ދަށުން ކަމަށްވެސް ބުނެފައި ވެއެވެ.







