ޔަމަނުގެ ހަނގުރާމަ ގަދަވެފައިވާ ސިޓީއިން ތިބާއަށް ދިން ހަދިޔާ އަކީ ކޮބާ؟

ޔަމަނުގެ ބާޣީންނާ ސިފައިންނާ ދެމެދު ހަނގުރާމަ ހޫނު ވެފައިވަނީ އަލްމުޚާ ސިޓީ ގާއެވެ. ތިބާ ރައްޓެހިންނާ އެކު ބޯން ތިޔަ އިންނަ މޮއްކާ ނުވާތީ މޮކާ ކޮފީ އަކީ އެ އަލްމުޚާ ސިޓީ އިން ދުނިޔެއަށް ތައާރަފް ކޮށްދިން ބުއިމެކެވެ.

ދުނިޔޭގެ ކެފޭތަކުގައި މަގުބޫލު "މޮކާ" ކޮފީގެ ނަން އުފެދިގެން އައި، އަދި އެއްޒަމާނެއްގައި މުޅި ދުނިޔެއަށް ކޮފީ އެކްސްޕޯޓްކުރުމުގެ މައި މަރުކަޒުގެ ގޮތުގައި އޮތް ޔަމަނުގެ ތާރީޚީ ސިޓީ އަދި ބަނދަރު، އަލްމުޚާ (މޮކާ) އެވެ. އެއ ބައިނަލްއަގުވާމީ ވިޔަފާރީގެ ތާރީޚުގައި އިސް ދައުރެއް އަދާކޮށްފައިވާ ހަޞާރީ ރަށެކެވެ. ރަތްކަނޑުގެ އައްސޭރިއަށް ފެތުރިފައިވާ މި ތާރީޚީ ބަނދަރަކީ 16 ވަނަ ގަރުނުން ފެށިގެން 18 ވަނަ ގަރުނުގެ މެދަކާ ހަމައަށް މުޅި ދުނިޔޭގެ ކޮފީ ވިޔަފާރި ކޮންޓްރޯލްކުރި މައި ދޮރާއްޓެވެ.

ޔަމަނުގެ ތާއިޒް ގަވަރނަރޭޓަށް ނިސްބަތްވާ އަލްމުޚާގެ ތާރީޚީ މުހިންމުކަން ބިނާވެގެންވަނީ އެ ރަށުގެ ބަނދަރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވި ފެންވަރު ރަނގަޅު ކޮފީ އޮށްތަކުގެ މައްޗަށެވެ.

ޔަމަނުގެ ފަރުބަދަމަތީ ސަރަހައްދުތަކުގައި ހައްދާ "ބުންނު" ނުވަތަ ކޮފީ އޮށްތައް ބައިނަލްއަގުވާމީ ބާޒާރަށް ނެރެދިނީ މި ބަނދަރު މެދުވެރިކޮށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ވިލާތުގެ ވިޔަފާރިވެރިންނާއި ކަނޑުދަތުރުވެރިންގެ މެދުގައި މޮކާ ގެ ނަމުން މި ކޮފީ މަޝްހޫރުވެ، މިއަދާއި ހަމައަށްވެސް އެ ނަން ވަނީ ކޮފީގެ ސަގާފަތުގެ މުހިންމު ބަހާއެއްގެ ގޮތުގައި ދެމިއޮވެފައެވެ.

އުޘްމާނީ ޚިލާފަތުގެ ދުވަސްވަރު، ހާއްސަކޮށް 1536 ވަނަ އަހަރުން ފެށިގެން، އަލްމުޚާ ބަނދަރަކީ ރެޑްސީ ކަނޑުން ދަތުރުކުރާ ހުރިހާ އުޅަންދުފަހަރު މަޑުކުރަންޖެހޭ އަދި ވިޔަފާރި ޓެކްސް ދައްކަންޖެހޭ މައި މަރުކަޒަކަށް ހެދިއެވެ.

ޑަޗް އީސްޓް އިންޑިއާ ކުންފުންޏާއި، އިނގިރޭސިން އަދި ފްރެންޗު ވިޔަފާރިވެރިން އަލްމުޚާއަށް އައިސް ކޮފީ ގަނެގެން ސުއޭޒް ކެނާލް މަގުންނާއި ކަނޑުމަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވަމުން ދިޔައެވެ. ޔަމަނުގެ އޭރުގެ ވެރިން ވަނީ ކޮފީ އުފެއްދުމުގެ މޮނޯޕޯލީ ދަމަހައްޓަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ރަށުން ބޭރަށް ފޮނުވާ ކޮފީ އޮށްތައް އަންދާލައި ނުވަތަ ކައްކައިގެން މެނުވީ ބޭރު ނުކުރެވެއެވެ. އެއީ އެހެން ގައުމުތަކުގައި އެ އޮށް އިންދައިގެން ދަނޑުވެރިކަން ހުއްޓުވުމުގެ ބޭނުމުގައެވެ.

ނަމަވެސް، 18 ވަނަ ގަރުނުގެ ތެރޭގައި ހޯލެންޑު އަދި ފްރެންޗު ވިޔަފާރިވެރިން ވަގަށް ޔަމަނުން ކޮފީ ގަސްތައް ބޭރުކޮށް، އިންޑޮނޭޝިޔާގެ ޖާވާ އާއި ދެކުނު އެމެރިކާގެ ގައުމުތަކުގައި ކޮފީ ހައްދަން ފެށުމާއެކު، އަލްމުޚާގެ ކޮފީ މޮނޯޕޯލީ އުވިގެން ދިޔައެވެ. މީގެ އިތުރުން، 19 ވަނަ ގަރުނުގެ ތެރޭގައި ޔަމަނުގެ ވިޔަފާރި މަރުކަޒު ޢަދަން އަދި އަލްޙުދައިދާ ބަނދަރަށް ބަދަލުވުމުން، އަލްމުޚާގެ އިގުތިސާދީ އަދި އާބާދީގެ ކުރިއެރުން މަޑުޖެހި، އެ ރަށުގެ ދައުރު ކުޑަވެގެން ދިޔައެވެ.

އަލްމުޚާއަކީ ހަމައެކަނި ކޮފީގެ އިތުރުން، އޭޝިއާ އާއި އަފްރިކާ އަދި ވިލާތް ގުޅުވައިދިން ސިލްކް ރޫޓުގެވެސް މުހިންމު ހަބެކެވެ. އެ ރަށުން ބެހެއްޓި އާސާރީ ބިނާތަކުގެ ތެރޭގައި މަޝްހޫރު "އަލްޝާޛިލީ" މިސްކިތާއި ތާރީޚީ ކޯއްޓޭތައް ހިމެނެއެވެ.

އަހަރުތަކެއްގެ ފަހުން، ފަހުގެ އިގުތިސާދީ އަދި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އަލްމުޚާގެ މުހިންމުކަން ކުޑަވެފައިވީ ނަމަވެސް، ފަހަކަށް އައިސް ޔަމަނު ސަރުކާރުންނާއި ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ އެ ބަނދަރު އަލުން ތަރައްގީކޮށް، ތާރީޚީ "މޮކާ" ބްރޭންޑާއި ޔަމަނުގެ ސަގާފީ ތަރިކަ ދިރުވައިއާލާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަލްމުޚާގެ ތާރީޚަކީ ދުނިޔޭގެ އިގުތިސާދާއި ބުއިންތަކުގެ ސަގާފަތަށް އަރަބި ކަރައިން ދީފައިވާ އެންމެ ބޮޑު އެއް ހަދިޔާގެ ގޮތުގައި އަދިވެސް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!