މަސްއޫދު އަޒުހަރު ފެނިފައިވާ ކަމަށް އިންޑިއާއިން ބުނެފި

ޖާސޫސީ މައުލުމާތާ ހަވާލާދީ އިންޑިއާ ޓުޑޭއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިންޑިއާއިން ހޯދަމުންދާ ވޯންޓެޑް ލިސްޓްގައި ހިމެނޭ ޖައިޝޭ މުހައްމަދުގެ ލީޑަރު މަސްއޫދު އަޒްހަރު ވަނީ ގިލްގިޓް-ބަލްޓިސްތާން ސަރަހައްދުން ފެނިފައެވެ.

ޕާކިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރުދާރީ ދާދި ފަހުން ވިދާޅުވެފައި ވަނީ އޭނާ އަފްޣާނިސްތާނުގައި ހުރެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޕާކިސްތާނުގެ ސަރަހައްދން އޭނާ ފެނިއްޖެ ނަމަ އިސްލާމްއާބާދުން އޭނާ އިންޑިއާއާ ހަވާލުކުރާނެ ކަމަށް ވެސް ބިލާވަލް ވަނީ ވިދާޅުވެފައެވެ.

"އިންޑިއާ ސަރުކާރުން އޭނާ ޕާކިސްތާނުގެ ބިމުގައި ހުރި ކަމުގެ މައުލޫމާތު އަޅުގަނޑުމެންނާ ހިއްސާ ކުރާނަމަ އޭނާ ހައްޔަރު ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ދާދި ފަހުން އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ބުއްޓޫ ވިދާޅުވި އެވެ.

އިންޑިއާގައި 2016 ވަނަ އަހަރު ޕަޓާންކޯޓް އެއާބޭސްގެ ހަމަލާއާއި 2019 ވަނަ އަހަރު ޕުލްވާމާއަށް ދިން ހަމަލާގައި 40 އަށް ވުރެ ގިނަ ސިފައިން މަރުވި ޓެރަރިސްޓް ހަމަލަތަކުގެ މޭސްތިރިއަކީ އަޒްހަރު ކަމަށް އިންޑިއާ ބުނެއެވެ.

އިންޑިއާ ޓުޑޭއަށް އެންމެ ފަހުން ލިބުނު އިންޓެލް މައުލޫމާތުން ދައްކާ ގޮތުގައި މަސްއޫދު އަޒްހަރު ވަނީ އޭނާގެ ސަޕޯޓު ބޮޑު ބަހާވަލްޕޫރުން ހާހަކަށް ކިލޯމީޓަރަށް ވުރެ ދުރަށް ބަދަލުވެފަ އެވެ.

ޖައިޝްގެ އޮންލައިން ޕްލެޓްފޯމްތަކުން ގަސްތުގައި އޮޅުވާލުމަށް އޭނާއާ ބެހޭ ގޯސް މައުލޫމާތުތައް ފަތުރާއިރު އިންޑިއާގެ ޖާސޫސީ އިދާރާތަކުން ދަނީ އަޒްހަރުގެ ހަރަކާތްތައް ގާތުން ޓްރެކް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!