ރޭޑާ މައްސަލައެއް ޖެހި ދަތުރުތައް ކެންސަލްކޮށް، އިނގިރޭސިވިލާތުގެ އެއާޕޯޓްތައް ހުޓުމަކަށް

އިނގިރޭސިވިލާތުގެ ހެމްޕްޝަޔަރގެ ސްވަންވިކްގައި ހުންނަ ނޭޝަނަލް އެއަރ ޓްރެފިކް ސަރވިސަސް (އެންއޭޓީއެސް) ކޮންޓްރޯލް ސެންޓަރުގައި ދިމާވި ރާޑަރާ ގުޅުންހުރި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ބުދަ ދުވަހު އިނގިރޭސިވިލާތުން ބޭރަށް ދަތުރުކުރާ ހުރިހައި ފްލައިޓްތައް ވަގުތީ ގޮތުން ހުއްޓުމަކަށް އައެވެ. މިކަމުގެ ސަބަބުން ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރަމުންދިޔަ އެތައް ހާސް ފަސިންޖަރުންތަކެއް ދަތުރުމަތީގައި ހާލުގައި ޖެހުނެވެ.

މި ހާދިސާގެ ސަބަބުން 150 އަށްވުރެ ގިނަ ފްލައިޓް ކެންސަލްވެ، ހީތްރޯ، ގެޓްވިކް އަދި އެޑިންބަރާ ފަދަ ބޮޑެތި އެއަރޕޯޓުތަކުގައި ފަސް ގަޑިއިރާ ހަމައަށް ދަތުރުތައް ލަސްވެގެން ދިޔައެވެ.

އޭވިއޭޝަން ޑޭޓާ ކުންފުނި ސިރިއަމްގެ މަޢުލޫމާތުން ދައްކާގޮތުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއާޕޯޓަކީ ހީތްރޯ އެއަރޕޯޓެވެ. އެ އެއަރޕޯޓުގައި ރޭގަނޑު 7:30 ގެ ނިޔަލަށް 24 ފުރާ ދަތުރާއި 14 އެރައިވަލް ދަތުރު ވަނީ ކެންސަލް ކުރަން ޖެހިފައެވެ.

މި ހާދިސާގެ ސަބަބުން ގިނަ ފަސިންޖަރުންތަކަކަށް ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. ބައެއް ފަސިންޖަރުން އެއަރޕޯޓުތަކުގައި ނިދަންޖެހުމާއި، އަނެއްބައި ފަސިންޖަރުންނަށް އިތުރު ޚަރަދުތަކެއް ކުރަންޖެހުނެވެ.

ނޭޓްސްއިން މި މައްސަލަ ހައްލުކޮށްފައިވަނީ ބެކަޕް ސިސްޓަމަކަށް ބަދަލު ކޮށްގެންނެވެ. އަދި މި މައްސަލައައްސަލައަކީ ސައިބަރ ހަމަލާއެއްގެ ސަބަބުން ދިމާވި ކަމެއް ނޫންކަން ވެސް އެ ފަރާތުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މިފަދަ ހާދިސާތައް ޔޫކޭގައި ތަކުރާރުވަމުންދާ ކަމަށް ފާހަގަ ކޮށްފައި ވެއެވެ.

ރަޔަންއެއަރގެ ނީލް މެކްމަހޯން އާއި އެވިއޭޝަންގެ ދާއިރާގެ އެހެނިހެން ފަރާތްތަކުން ވަނީ ނޭޓްސްގެ ސީއީއޯ މާޓިން ރޯލްފް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. މީގެ އިތުރުން، ޓްރާންސްޕޯޓް ސެކްރެޓަރީ ހައިޑީ އެލެގްޒެންޑަރ ވަނީ މިމައްސަލަތައް ތަކުރާރުވާތީ އިންޒާރު ދެއްވާފައެވެ.

ހިއްސާ ކުރައްވާ!