ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް އިޒްރޭލުން ނިންމި ނިންމުން ޔޫކޭއިން ކުށްވެރިކޮށްފި

ޔޫކޭ ބޮޑުވަޒީރު ކީއޭރ ސްޓާމަރ ވަނީ ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް އިޒްރޭލުން ނިންމި ނިންމުން ކުށްވެރިކުރައްވައި އެކަމަކީ "ރަނގަޅު ގޮތެއް" ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން އިތުރު ލޭއޮހޮރުވުންތަކަކަށް މަގުފަހިވެގެންދާނެ ކަމަށް އިންޒާރު ދެއްވާފައި ވެއެވެ.

އިޒްރޭލްގެ ހަނގުރާމައިގެ ކެބިނެޓުން ވަނީ ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް ޕްލޭނެއް ފާސްކޮށްފައެވެ. މިއީ އިޒްރޭލުން އެ ސަރަހައްދުގައި ހިންގަމުންދާ ހޮލޮކޯސްޓްގެ އަމަލުތައް އިތުރަށް ހަރުކަށިކުރުމުގެ ނިންމުމެކެވެ.

ބޮޑުވަޒީރު ސްޓާމަރ ވަނީ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް އޭނާގެ ހޮލޮކޯސްޓް ސިޔާސަތާ މެދު އަލުން ވިސްނުމަށް ގޮވާލައްވާފައެވެ. އަދި ޣައްޒާގައި ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ އިންސާނީ ހާލަތާމެދު ކަންބޮޑުވާ ކަމަށްވެސް ވިދާޅުވެފައެވެ.

ޔޫކޭގެ ބޮޑުވަޒީރު ވަނީ މި ހަނގުރާމަ ހުއްޓާލުމަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލައްވާފައެވެ. މީގެ ތެރޭގައި ވަގުތުން ހަނގުރާމަ ހުއްޓާލުމާއި، ބަނޑަށް ޖެއްސުން ހުއްޓުވުމާއި އިންސާނީ އެހީ އިތުރުކުރުމާއި، ހަމާސްގެ މެހުމާންދާރީގައި ތިބި ހަނގުރާމައިގެ އަސީރުން ދޫކޮށްލުމާއި، ސިޔާސީ ގޮތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުން ހިމެނެއެވެ.

ބައިނަލްއަޤްވާމީ މުޖުތަމައުން އިޒްރޭލްގެ ހޮލޮކޯސްޓާ މެދު ފާޅުކުރާ ކަންބޮޑުވުންތައް އިތުރުވަމުން އަންނައިރު، ޔޫކޭގެ ބޮޑުވަޒީރުގެ މި ބަސްތަކަކީ އިޒްރޭލްގެ ހަރުކަށި އަމަލުތަކާ ދެކޮޅަށް އުފުލިގެން ދިޔަ މުހިންމު އަޑެކެވެ.

ހިއްސާ ކުރައްވާ!