ފަރާންސޭސި ރައީސް އިމޭނުއަލް މެކްރޮންއަށް ޓެރަރިސްޓް ހަމަލައެއް ދިނުމަށް ޔަހޫދީ ފާދިރީއެއް އިންޒާރު ދީފައިވާ ވީޑިއޯއެއް ޔޫޓިއުބްގައި ޝާއިޢުކުރި މައްސަލައިގައި ޕެރިސްގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ތަޙުޤީޤެއް ފަށައިފިއެވެ.
ފަރާންސޭސި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ "ރައީސު މެކްރޮންއަށް މަރުގެ އިންޒާރު ދިނުމުގެ" މައްސަލައިގައި ސީރިއަސް ތަޙުޤީޤެއް ފަށާފައިވާ ކަމަށެވެ. ޔަހުދީން ހިފާފައިވާ ފަލަސްޠީނުގެ ބިމުގައި ދިރިއުޅޭ ކަމަށް ބެލެވޭ ޔަހޫދީ ފާދިރީ ޑޭވިޑް ޑެނިއަލް ކޯހެން ވަނީ ފަލަސްތީނުގެ ދައުލަތެއް ގަބޫލުކުރަން މެކްރޮން ނިންމަވާފައިވާތީ އޭނާއަށް ފާޑުކިޔާފައެވެ.
37 މިނެޓުގެ މި ވީޑިއޯގައި ފަރަންސޭސި ބަހުން ވާހަކަ ދައްކަމުން، މި ފާދިރީ ބުނެފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ފަލަސްތީނު ދައުލަތެއް ގަބޫލުކުރުމަށް ނިންމުމަކީ މެކްރޮން ގެންގުޅުއްވާ "ފުން ޔަހޫދީންނާ ދެކޮޅު ވިސްނުން" ހާމަވެގެންދާނެ ކަމެއް ކަމަށާއި އެއީ "ކަނލާނގެއާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރުމެއް" ކަމަށެވެ.
"މި ފަރަންސޭސި ރައީސް އެނގެން ޖެހޭނެ އޭނާގެ ކަށްވަޅު ތައްޔާރުކުރުމަކީ އޭނާގެ މަސްލަހަތު އޮތް ކަމެއްކަން. އަދި ކަލާނގެ އޭނާއަށް ދައްކަވާނެ ބޭއަދަބީ ގޮތަކަށް ކަލާނގެއާ ދެކޮޅަށް ވާހަކަދެއްކުމުގެ ނަތީޖާ،" ފާދިރީ ބުނެފައިވެއެވެ.
މި މައްސަލައިގައި ފަރާންސޭސި ފުލުހުން ތަޙުޤީޤު ފަށައި، އިތުރު މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުކޮށްފައިވެއެވެ.






