ޣައްޒާ ބަނޑަށް ޖެއްސުމަކީ އިސްރާއީލުގެ ހަނގުރާމައިގެ ސިޔާސަތެއްކަން ބޭޒާރުވެއްޖެ

އިސްރާއީލުގެ ކެބިނެޓް ބައްދަލުވުމެއްގެ ލީކްވެފައިވާ ޔައުމިއްޔާއަކުން ދައްކާގޮތުގައި، ހަމާސް ބަލިކޮށްލުމަށް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމަކީ ޔަހޫދީންގެ ސަރުކާރުން ގަސްތުގައި ނިންމާފައިވާ ހަނގުރާމައިގެ ސިޔާސަތެކެވެ.

މި ލީކްވި ލިޔެކިޔުންތަކުން ހާމަވާގޮތުގައި، 2025 ވަނަ އަހަރުގެ ޖަނަވަރީން މާރިޗު މަހާ ހަމައަށް ހިނގި ހަނގުރާމަ ހުއްޓުމުގެ މުއްދަތުގައި، ހަނގުރަމައިގެ އަސިރުން ދޫކޮށްލުމަށް ހުށަހެޅުނު އެކި ހުށަހެޅުންތައް ބަންޔަމިން ނަތަންޔާހޫ ވަނީ ބަލައިނުގަނެ ދޫކޮށްލާފައެވެ.

ޔަހޫދީންގެ އިސް ސިފައިންގެ އޮފިސަރުންނާއި އަދި އިންޓެލިޖެންސް އޮފިޝަލުން ވަނީ ހަނގުރާމަ ހުއްޓުމުގެ މުއްދަތު އިތުރުކޮށް، ހަނގުރާމަ ނިންމުމަށް މަގުފަހިކުރާނެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތާއީދުކޮށްފައެވެ. ނަމަވެސް ނަތަންޔާހޫގެ އިސްނެގުމުގެ ދަށުން ކެބިނެޓް މިނިސްޓަރުން ވަނީ މިކަމާ ދެކޮޅުހަދާ، ހަނގުރާމަ ޢަމަލުތައް ކުރިއަށް ގެންދިއުމަށް ބާރުއަޅައި އެގޮތަށް ނިންމާފައެވެ.

"ދެވަނަ ފިޔަވަހީގެ މަޝްވަރާތަކަކީ ބަންދުގައި ތިބި މީހުން ދޫކޮށްލުމަށް އޮތް އެންމެ ރަނގަޅު ފުރުސަތު،" މޭޖަރ ޖެނެރަލް ނިޓްޒަން އަލޮން ބުނިކަމަށް ޔައުމިއްޔާތަކުން ދައްކައެވެ. ޖާސޫސީ އިދާރާ ޝާބާކްގެ އިސްވެރިޔާ ރޮނެން ބާރު ވެސް ވަނީ ދެވަނަ ފިޔަވަހި ފުރިހަމަކުރުމަށްފަހު، ބޭނުންވެއްޖެނަމަ ފަހުން ހަނގުރާމަ އަލުން ފެށުމަށް ހުށަހަޅާފައެވެ. މި ވާހަކަ ގެނަސްދީފައި ވަނީ ޔަހޫދީ ޗެނަލް 13 އިންނެވެ.

ނަމަވެސް މިނިސްޓަރ ރޮން ޑަރމަރގެ ބާރުއެޅުމާއި އެކު ނަތަންޔާހޫ ވަނީ، ހަމާސް ބަލިކޮށް ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ހަރުކަށި ސިޔާސަތުގައި ދަންމަން ބޭނުން ކަމަސް ބުނެފައެވެ. ޑަރމަރ ވަނީ ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތަކުގެ ޓީމުގެ އިސްވެރިޔާގެ މަޤާމަށް ފަހުން އައްޔަން ކޮށްފައެވެ.

ހިއްސާ ކުރައްވާ!