އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހޮލޮކޯސްޓްގެ ޢަމަލުތަކުން އެއްކިބާ ވުމަށާއި ޔަހޫދީންގެ ސަރުކާރުގެ "ބުއްދިއާއި އިންސާނިއްޔަތުކަން ގެއްލިފައިވާ" ކަމަށް އިޓަލީގެ ދިފާޢީ ވަޒީރު ގުއިޑޯ ކްރޮސެޓޯ ވިދާޅުވެއްޖެއެވެ. މިއަދު "ލަ ސްޓަމްޕާ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އިޒްރޭލާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމައުން ފިޔަވަޅު އެޅުމަށް އިޓަލީ މިހާރު ތައްޔާރަށް އޮތް ކަމަށެވެ.
ކްރޮސެޓޯ ވިދާޅުވި ގޮތުގައި މިހާރު ޣައްޒާގައި ހިނގަމުންދާ ކަންކަމަކީ "ޤަބޫލުކުރެވޭނެ ކަންކަމެއް ނޫނެވެ." އަދި "މިއީ ހަމައެކަނި މީހުންނަށް ގެއްލުންތަކެއް ލިބޭ ޢަސްކަރީ އޮޕަރޭޝަނެއް ނޫނެވެ. މިއީ ޤާނޫނާއި އަޅުގަނޑުމެންގެ ޙަޟާރަތުގެ އަސާސީ އަގުތައް މުޅިން އިންކާރުކުރުމެއް" ކަމަށް އޭނާ ވިދާޅުވިއެވެ.
އިޓަލީގެ ދިފާޢީ ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިޓަލީ އަބަދުވެސް ތައްޔާރަށް އޮންނާނެއެވެ. ނަމަވެސް "މިހާރު އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ ހަމައެކަނި ކުށްވެރިކުރުމުގެ ބަދަލުގައި ނެތަންޔާހޫއަށް ހެޔޮ ވިސްނައިދޭނެ ގޮތެއް ހޯދުމެވެ."
ޔަހޫދީ ދައުލަތާ ދެކޮޅަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކްރޮސެޓޯ ވިދާޅުވީ "ޣައްޒާ ހިފުމައި ހުލަނގު އައްސޭރީގައި ހިންގަމުންދާ ނުރައްކާތެރި ޢަމަލުތަކަކީ ނެތަންޔާހޫ އަށް ފިޔަވަޅު އަޅަންޖެހޭ ވަރުގެ ކަންކަން" ކަމަށެވެ.






