ޣައްޒާގެ ސިއްހީ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަނޑަށް މަރުވެފައިވާ ކުޑަކުދިންގެ އަދަދު 5 އަށް އަރައިފިއެވެ.
އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގައި ކުރިމަތިވެފައިވާ އިންސާނީ ކާރިސާ ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި މިހާތަނަށް ބަނޑަށް މަރުވި މީހުންގެ އަދަދު ވަނީ 222 އަށް އަރާފައެވެ.
ޔަހޫދީން ބަނޑަށް މަރާލި 222 މީހުންގެ ތެރޭގައި 101 ކުޑަކުދިން ހިމެނެއެވެ. މިއީ ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާގެ ނުރައްކާތެރިކަން ދައްކުވައިދޭ ހިތާމަވެރި ހަގީގަތެކެވެ.
އދ އާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަނީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ. އެހެންނަމަވެސް، އިސްރާއީލުގެ ހޮލޮކޯސްޓްގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދާ ގިނަ އަދަދެއްގެ ކުޑަކުދިންނާއި މީހުން ވަނީ ކާޑުބަލި ޖެހިގެން ނުރައްކާތެރި ހާލަތެއްގައެވެ. މި ހާލަތަށް އަވަސް ހައްލެއް ނުގެނެވިއްޖެނަމަ، އިތުރު ފުރާނަތަކެއް ގެއްލިގެންދާނެކަމަށް ސިއްހީ ވުޒާރާއިން ވަނީ އިންޒާރުދީފައެވެ.






