ޣައްޒާގައި އަލްޖަޒީރާގެ ނޫސްވެރިން އިސްރާއީލުގެ ހޮލޮކޯސްޓްގައި ޝަހީދު ކުރަމުންދާތީ އ.ދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އެކަން ކުށްވެރިކުރައްވައި މިނިވަން މުސްތަގިއްލު ތަހުގީގަގަށް ގޮވާލައްވައިފިއެވެ.
އ.ދ ގެ ތަރުޖަމާން ސްޓެފަން ދުޖާރިކް ވިދާޅުވީ ނޫސްވެރިން މަރާ ހާދިސާތަކާ ގުޅޭގޮތުން މިނިވަން އަދި ވަކިފަރާތަކަށް ނުޖެހޭ ތަހުގީގެއް ކުރިއަށް ގެންދިއުމަށް ސެކްރެޓަރީ ޖެނެރަލް ގޮވާލައްވާ ކަމަށެވެ. އަދި ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް މަދުވެގެން 242 ނޫސްވެރިން ޣައްޒާގައި މަރާލާފައިވާ ކަމަށާއި، ނޫސްވެރިންނާއި މީޑިއާގެ މަސައްކަތްތެރިންނަށް އިހްތިރާމްކޮށް، އެމީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ޔަހޫދީންވެސް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އ.ދ ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުން ބުނެފައިވަނީ އިސްރާއީލު ހޮލޮކޯސްޓް ހިންގާ ތެރަރިސްޓް ސިފައިން ފަލަސްތީނުގެ 6 ނޫސްވެރިންނަށް އަމާޒުކޮށް އެމީހުންގެ ޓެންޓަށް ދިން ހަމަލާއަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުގެ ހުރުމަތް ކަނޑާލުމެއް ކަމަށެވެ. އަދި އިސްރާއީލުން ވާންޖެހޭނީ ނޫސްވެރިންނާއި އެހެނިހެން އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ފަރާތަކަށް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
އަންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒާރީނީ ވިދާޅުވެފައިވަނީ ޔަހޫދީ ސިފައިން ދަނީ ޣައްޒާގައި ހިންގާ އަނިޔާވެރި ޢަމަލުތަކުގެ މައުލޫމާތު ފަތުރާ އަޑުތައް ފިއްތަމުން ކަމަށެވެ. އަދި ހަނގުރާމަ ފެށުނު ފަހުން 200 އަށްވުރެ ގިނަ ފަލަސްތީނުގެ ނޫސްވެރިން މަރާލާފައިވާއިރު، ޔަހޫދީ ޓެރަރިސްޓް އެއްވެސް ފަރާތަކަށް އަދަބު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ބައިނަލްއަގުވާމީ ނޫސްވެރިންނަށް ޣައްޒާއަށް ވަދެ މިނިވަންކަމާއެކު ހޮލޮކޯސްޓް ކަވަރޭޖް ކުރުމުގެ ފުރުސަތު ދިނުމަށާއި، އެތަނުގައި ތިބި ފަލަސްތީނު ނޫސްވެރި އަބްޠާލުންގެ މަސައްކަތަށް އެހީތެރިވުމަށް ފުރުސަތު ދިނުމަށް ލަޒާރީނީ ގޮވާލައްވާފައިވެއެވެ. މިއީ ޣައްޒާގައި ހިނގަމުންދާ އަނިޔާވެރި ހޮލޮކޯސްޓްގެ ޢަމަލުތަކާމެދު އުފެދޭ ޝައްކުތައް ނައްތާލުމަށް އޮތް ހަމައެކަނި ގޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.






