ޣައްޒާގައި ޝަހީދު ކޮށްލި ނޫސްވެރިންގެ އަދަދު 238 އަށް

އިސްރާއީލުން ޣައްޒާއަށް ދަނީ ހަނގުރާމައިގެ ޖަރީމާތައް ކެރިގެން ހިންގަމުންނެވެ. މިގޮތުން 7 އޮކްޓޯބަރު 2023 ގައި ފެށުނު ހޮލޮކޯސްޓްގައި މިހާތަނަށް ޝަހީދުވެފައިވާ ނޫސްވެރިންގެ އަދަދު 238 އަށް އަރައިފިއެވެ. އެންމެ ފަހުން ޝަހީދުވި ނޫސްވެރިއަކީ މުޙައްމަދު އަލްޚާލިދީއެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހޯމަ ދުވަހު ބުނި ގޮތުގައި، ޝަހީދު އަލްޚާލިދީއަކީ ޣައްޒާ ސިޓީގައި ހުންނަ ޝިފާ ހޮސްޕިޓަލް ކައިރީގައި ޖަހާފައި ހުރި ޓެންޓަކަށް އިސްރާއީލުން ސީދާ ހަމަލާއެއް ދިނުމުން ޝަހީދުވި 6 ނޫސްވެރިންގެ ތެރެއިން އެކެކެވެ. މި "ވަރަށް ބިރުވެރި މަންޒަރު" ގައި ޝަހީދުވި އެހެން ނޫސްވެރިންނަކީ އަނަސުއްޝަރީފް، މުޙައްމަދު ޤުރައިޤިޢު، އިބްރާހީމް ޡާހިރު، މުއުމިން ޢަލީވާ އަދި މުޙައްމަދު ނައުފަލްއެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ އިސްރާއީލުން ފަލަސްޠީނު ނޫސްވެރިންނަށް ގަސްތުގައި އަމާޒުކޮށް ޝަހީދުކުރަމުންދާ ކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މި ކަމާ ގުޅޭގޮތުން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އާއި އަރަބް ޖާނަލިސްޓްސް ޔޫނިއަން އަދި ދުނިޔޭގެ އެހެން ނޫސްވެރިކަމުގެ ޖަމްޢިއްޔާތަކަށް ގޮވާލާފައިވަނީ ޣައްޒާގެ ނޫސްވެރިންނާއި މީޑިއާ މަސައްކަތްތެރިންނަށް އަމާޒުކޮށް ހިންގަމުންދާ ޔަހޫދީންގެ ނިޒާމީ ޖަރީމާތައް ކުށްވެރިކުރުމަށެވެ.

މި "އަނިޔާވެރި" ޖަރީމާތަކުގެ ޒިންމާ އެމެރިކާގެ ވާގިވެރިކަމާއެކު ޓެރަރިޒަމް ހިންގާ އިސްރާއީލުން ނަގަންޖެހޭނެ ކަމަށް ބުނެ، ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ނޫސްވެރިކަމާ ގުޅުންހުރި ޖަމާޢަތްތަކަށް ގޮވާލާފައިވަނީ "ޖަމާޢީ މަރުގެ" މި ހަނގުރާމައިގެ ޖަރީމާ ހުއްޓުވުމަށް އަދި ޣައްޒާގެ ނޫސްވެރިން ރައްކާތެރިކުރުމަށް ބާރުއަޅައި މަސައްކަތްކުރުމަށެވެ.

7 އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 61,430 ފަލަސްޠީނުން ޝަހީދުވެފައިވެއެވެ. މީގެ ގިނަ އަދަދެއް ކުޑަކުދިންނާއި އަންހެނުންނެވެ. މީގެ އިތުރުން 153,213 މީހުން ވަނީ ޒަޚަމްވެފައެވެ. ނަމަވެސް މިއީ ފުރިހަމަ ތަފާސްހިސާބެއް ނޫނެވެ. އެއީ އަދިވެސް ގިނަ ޝަހީދުން ވަނީ ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ވެފައެވެ. ވީނުވީއެއް ނޭގ ގެއްލިފައެވެ. އަދި އެމީހުންނާ ހަމައަށް ނުފޯރާ ހިސާބުތަކުގައި މަގުމަތީގައި ޝަހީދުވެފައެވެ. އިމަޖެންސީ އަދި ސަލާމަތްކުރާ ޓީމުތަކަށް އެ ސަރަޙައްދުތަކާ ހަމައަށް ދިއުމަށް ޓެރަރިސްޓް ޔަޫުދީން ހުރަސް އަލައެވެ.

ހިއްސާ ކުރައްވާ!