ޣައްޒާގައި ބަނޑަށް ޖައްސާތީ ދެ ލީޑަރުން ކަންބޮޑުވުން ފާޅުކޮށްފި

ނިއުޒިލެންޑްގެ ކުރީގެ ބޮޑުވަޒީރު ހެލެން ކްލާކް އަދި އަޔަލެންޑްގެ ކުރީގެ ރައީސް މެރީ ރޮބިންސަން ވަނީ ރަފަހު ބޯޑަރުގައި މިސްރާވީ ފަޅިން ސަރަހައްދަށް ޒިޔާރަތް ކުރައްވައި ޔަހޫދީން ހިންގާ ޖަރީމާތައް ވަޒަން ކުރައްވާފައެވެ. ޣައްޒާގައި ކުރިމަތިވަމުންދާ ޔަހޫދީންގެ ބަނޑަށް ޖެއްސުމުގެ ހާލަތާމެދު މި ދެ އަންހެން ލީޑަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ދުނިޔޭގެ ކުރީގެ ލީޑަރުންގެ ޖަމާއަތެއް ކަމަށްވާ "ދަ އެލްޑަރސް" ގެ މެންބަރުންގެ ގޮތުގައި ހިމެނޭ މި ދެ ލީޑަރުން މިދިޔަ ހޯމަ ދުވަހު އަލްއަރީޝްގައި ހުންނަ މިސްރުގެ ރެޑް ކްރެސެންޓްގެ ގުދަންތަކަށް ޒިޔާރަތްކުރެއްވި އެވެ. އެތަނުގައި "އިސްރާއީލްގެ ހުއްދަ ނުލިބި ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި މުހިންމު ބޭސް ޣައްޒާއަށް ނުވެއްދި ހުރިކަން" އެ ދެ ލީޑަރުން ފާހަގަކުރިއެވެ.

އެހީތެރިކަން ފޯރުކޮށްދޭ މަސައްކަތްތެރިން ދިން މައުލޫމާތުގައި، "އެކަށީގެންވާ ސަބަބެއް ނެތި އެހީގެ ޓްރަކުތައް ޔަހޫދީން އަނބުރާ ފޮނުވާލާ ކަމަށާއި، ޣައްޒާގައި ފަލަސްތީނު ރައްޔިތުން އައްސި ކުރުމަކާ ނުލައި އޮޕަރޭޝަންތައް ހަދަން ޖެހިފައިވާ ކަމަށާއި، މައިންބަފައިންނަށް އަމިއްލައަށް ކާނެއް އެއްޗެއް ނުލިބޭ ކަމަށާއި އަދި ދަރިންނަށް ކާންދޭނެ އެއްޗެއް ނެތް" ކަމަށް ބުނެފައިވެއެވެ.

ކްލާކް އަދި ރޮބިންސަން ވަނީ މި ކާރިސާއާ މެދު ވިސްނުމަށް ދުނިޔޭގެ އެހެން ލީޑަރުންނަށް ގޮވާލައްވައި، "މިކަމަށް އިތުރަށް ބީރު ކަންފަތެއް ދީގެން ތިބުމުގެ ބަދަލުގައި ވަގުތުން އަމަލުކުރަން ޖެހޭ" ކަމަށް ވިދާޅުވެފައެވެ.

"އިސްރާއީލުން ގަސްތުގައި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމާ ދިމާލަށް ގެންދިޔަ ކަމަށާއި ނިޒާމީ ސިފައެއްގައި މީހުން މަރަމުންދިއުން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ" ކަމަށް އެ ދެ ލީޑަރުން ވަނީ ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!