އިޒްރޭލަށް އިޤްތިޞާދީ ކާރިސާއެއް ކުރިމަތިވެދާނެކަމަށް އިންޒާރުދީފި

ޣައްޒާގައި އިޒްރޭލުން ގެންގުޅޭ ހޮލޮކޯސްޓްގެ ސިޔާސަތުތަކުގެ ސަބަބުން އެ ޤައުމަށް ބޮޑު އިޤްތިޞާދީ ކާރިޘާއެއް ކުރިމަތިވެދާނެ ކަމަށް ބުނެ، ނޯބެލް އިނާމު ލިބިފައިވާ 10 އިޤްތިޞާދީ މާހިރުން ހިމެނޭ 23 އިޤްތިޞާދީ މާހިރުންގެ ޓީމަކުން ޔަހޫދީ ނެތަންޔާހޫއަށް ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފިއެވެ.

މި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ރިއަލް އެސްޓޭޓް ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި، 2023 ގެ ފަހުގެ މަަސްތަކުން ފެށިގެން މުއްސަނދި އިންވެސްޓަރުން ޕްރޮޕަޓީ ގަތުން ހުއްޓާލާފައިވާ ކަމަށް ބުނެފައިވެއެވެ. ޚާއްޞަކޮށް ޓެލް އަވީވްގައި ހުރި ގިނަ އެޕާޓްމަންޓްތަކެއް ވިއްކާލައި، ބިލިއަނުން ރިއަލް އެސްޓޭޓުގެ ދާއިރާއިން ސްޓޮކް މާކެޓަށް ބަދަލުކުރެވިފައިވާ ކަމަށް މާހިރުން ފާހަގަކޮށްފައިވެއެވެ.

އިޤްތިޞާދީ މާހިރުން އިންޒާރުދީފައިވާ ގޮތުގައި، އިޒްރޭލުގެ އެތެރޭގެ ހަމަނުޖެހުންތައް އިތުރުވަމުންދާއިރު، އާންމު ހުޅުތާލުތަކާއި މަސައްކަތުގެ ދާއިރާގެ ދެބަސްވުންތައް ބޮޑުވެފައިވެއެވެ. އަދި ސަރުކާރުން އިޤްތިޞާދީ ނުރައްކާތަކުގެ ނިޝާންތަކަށް އަޅާނުލާ ކަމަށް ތުހުމަތުކޮށްފައި ވެއެވެ.

ބައިނަލްއަޤްވާމީ ގޮތުން އިޒްރޭލް އެކަހެރިވުމުގެ ނުރައްކާ އޮތް ކަމަށާއި، އިޒްރޭލުގެ އިސް އޮފިޝަލުންގެ މައްޗަށް ފިޔަވަޅު ބައިނަލްއަގްވާމީ ގޮތުން އެޅިދާނެ ކަމަށް މާހިރުން ވަނީ އިންޒާރުދީފައެވެ. މީގެ ތެރޭގައި ހަރުމުދާ ހިފެހެއްޓުމާއި، ބޭރު ޤައުމުތަކުގައި ހުރި މުދާ އަތުލުމުގެ ފިޔަވަޅުތައް ހިމެނި އެފަދަ ކަންކަން ކުރިމަތި ވެދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އިޤްތިޞާދީ މާހިރުން މި ސިޓީގައި ސިފަކޮށްފައިވާ ގޮތުގައި، މިއީ އިޒްރޭލަށް ލިބޭ މިފަދަ "އެންމެ ފަހުގެ އިންޒާރު" އެވެ. އަދި ޣައްޒާގައި މިހާރު ގެންގުޅޭ ހޮލޮކޯސްޓް ސިޔާސަތުތައް ބަދަލުނުކޮށްފިނަމަ، އިންވެސްޓަރުން ފިލައި، ކްރެޑިޓް ރޭޓިންގ ދަށަށް ގޮސް، ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ ޤާބިލު މީހުން ބޭރަށް ހިޖުރަކޮށް، ބައިނަލްއަޤްވާމީ ގުޅުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!