ޔަމަނުގެ ބޮޑުވަޒީރާއި ވަޒީރުން ޝަހީދުކޮށްލުމުން ބަދަލު ހިފާނެ ކަމަށް އަންގައިފި

ޔަމަނުގެ ވެރިރަށް ސަންއާގެ ރިޔާސީ ގަނޑުވަރުން ވަނީ އެ ގައުމުގެ ބޮޑުވަޒީރު އަހްމަދު ޣާލިބް އަލްރަހުވީ އާއި އިތުރު ވަޒީރުންތަކެއް ޔަހޫދީ ހަމަލާގައި ޝަހީދުވެފައިވާ ކަން ޔަގީން ކޮށްދީފައެވެ. އަދި ޔަމަނުގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ރައީސް މަހްދީ އަލްމަޝާޠް ވަނީ މުހައްމަދު މިފްތާހު ވަގުތީ ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.

ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޝަހީދުވި ބޭފުޅުންގެ އިތުރުން އިތުރު ވަޒީރުންތަކެއް ވެސް ޒަޚަމްވެ ވަޑައިގަތުމާ ގުޅިގެން ނުރައްކާތެރި ހާލަތުގައި ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ. ޔަހޫދީން މި ހަމަލާ އަމާޒުކޮށްފައިވަނީ ކެބިނެޓްގެ ބައްދަލުވުމަކަށެވެ.

ސަންއާ ސަރުކާރުގެ ދިފާއީ ވަޒީރު މުހައްމަދު ނާސިރު އަލްއާޠިފީ ވަނީ ޔަހޫދީން ދީފައިވާ ޓެެރަރިސްޓް ހަމަލައަށް ބަދަލު ހިފުމަށް ޔަމަނުން އަޅާނެ ފިޔަވަޅަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބަދަލު ހިފުމުގެ ކޮންމެ އަމަލަކަށްވެސް ޔަމަން ތައްޔާރަށް އޮތް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި "ޝަހީދުންގެ ލޭ ވެގެންދާނީ އިތުރު ހިތްވަރަކަށް" ކަމަށް އޭނާ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު އިސްރާއީލުން ދިން ހަމަލާގައި ސަންއާގެ 10 ސަރަހައްދަކަށް ވައިގެ ހަމަލާ ދީފައިވެއެވެ. ޔަމަނުގެ ހަނގުރާމަވެރި ބާރުތަކުގެ އެންމެ އިސް ވެރިޔާ ލެފްޓިނަންޓް ޖެނެރަލް މުހައްމަދު އަބްދުލް ކަރީމް އަލްޣަމާރީ ވިދާޅުވެފައިވަނީ މަދަނީ ސަރަހައްދުތަކަށް ދިން ހަމަލާތަކަށް ބަދަލު ހިފާއިރު ޔަހޫދީންގެ ލޮލުން ނިދި ނިގުޅައި ގަންނާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!