ޙަމާސްގެ ތަރުޖަމާން އަބޫ ޢުބައިދާ ޝަހީދުކޮށްފި ކަމަށް ޔަހޫދީން ބުނެފި

ޙަމާސްގެ ތަރުޖަމާން އަބޫ ޢުބައިދާ ޝަހީދުކޮށްފި ކަމަށް ޔަހޫދީން ބުނެފި

އެކަން ރަސްމީކޮށް އިއުލާން ކުރީ ޔަހޫދީ ޑިފެންސް މިނިސްތަރ މޯޝޭ ކާޓްޒް އެވެ.

ހަމާސްގެ ޢަސްކަރީ ވިންގު ޤައްސާމް ބްރިގޭޑްގެ ރަސްމީ ތަރުޖުމާން އަބޫ ޢުބައިދާ ޝަހީދުކޮށްފައިވާ ކަން އަރަބި މީޑިއާ ޗެނަލްތަކުން ކަށަވަރުކޮށްދީފިއެވެ.

ފަލަސްތީނީ މަސްދަރުން މަޢުލޫމާތު ދިންގޮތުގައި، ޔަހޫދީ ދުޝްމަނުން އަމާޒުކުރި ހަމަލާއެއްގައި އަބޫ ޢުބައިދާ ހުރި ފްލެޓަށް ހަމަލާދީފައި ވެއެވެ. އަދި އެތަނުގައި ތިބި އެންމެން ވަނީ ޝަހީދުކޮށް ލާފައެވެ. އަބޫ ޢުބައިދާގެ ޢާއިލާގެ މެންބަރުންނާއި ޤައްސާމް ބްރިގޭޑްގެ ލީޑަރުން މިހާރު ވަނީ އޭނާގެ ހަށިކޮޅު ދެނެގަނެ، ޝަހީދުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

އިޒްރޭލު ސިފައިންގެ އަރަބި ތަރުޖަމާން އަވީޚާއީ އަދްރަޢީ ވަނީ ޣައްޒާގައި ހަމާސްގެ އިސް ލީޑަރަކަށް ހަމަލާދިންކަން އިއްޔެ ހާމަކޮށްފައެވެ. އޭނާ އެކްސް ޕްލެޓްފޯމްގައި ބުނެފައިވަނީ، ޣައްޒާ ސިޓީގެ އުތުރުގައި ހަމާސްގެ އިސް ލީޑަރަކަށް ވައިގެ ހަމަލާއެއް ދީފައިވާ ކަމަށެވެ.

އިޒްރޭލު މީޑިއާއިން ރިޕޯޓުކުރި ގޮތުގައި، މި ހަމަލާގެ އަމާޒަކީ ޤައްސާމް ބްރިގޭޑްގެ ސްޕޯކްސްޕާސަން އަބޫ ޢުބައިދާ ކަމަށާއި، އޭނާ އަވަހާރަވެފައިވާކަން 95 ޕަސެންޓަށް ޔަޤީން ކުރެވޭ ކަމަށެވެ. އިޒްރޭލު ޗެނަލް 12 އިން ބުނެފައިވަނީ، އަބޫ ޢުބައިދާގެ ހުރި ތަނުގެ މަޢުލޫމާތު އިއްޔެ ރޭ ޔަހޫދީންނަށް ލިބި، މިއަދު ހަވީރު 5:30 ގައި ހަމަލާ ދީފައިވާ ކަމަށެވެ.

އިޒްރޭލު އިސް އޮފިޝަލަކު ބުނެފައިވަނީ، ހަމަލާދިން އިމާރާތުގައި އަބޫ ޢުބައިދާ ހުރިނަމަ، މިފަހަރު އޭނާ ސަލާމަތްވުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.

ހިއްސާ ކުރައްވާ!