އަރަބި ގައުމުތަކުގެ ސަރަހައްދުގެ އިންތަކަކީ އިޒްރޭލުން ބަލައިގަންނަ އިންތަކެއް ނޫން ކަމަށް އެމެރިކާގެ މަންދޫބު ވިދާޅުވެއްޖެ

އަރަބި ގައުމުތަކުގެ މެދުގައި ކަނޑައަޅާފައިވާ އިންތަކަކީ އިޒްރޭލަށް މުހިންމު އިންތަކެއް ނޫން ކަމަށާއި އިޒްރޭލުން އެ އިންތައް ބަލައި ނުގަންނާނެ ކަމަށް އެމެރިކާގެ އެމެރިކާގެ ޚާއްސަ މަންދޫބު ޓޮމް ބަރަކް ވިދާޅުވެއެވެ. އޭނާ ވިދާޅުވީ ޔަހޫދީންގެ ދައުލަތުގެ ސަލާމަތަށްޓަކައި އިޒްރޭލަށް ސަރަހައްދު ހުރަސްކޮށް އެއްވެސް ގައުމަކަށް އަރަގަންނަން ޖެހޭނެ ނަމަ އިޒްރޭލުން އެކަން ކުރާނެ ކަމަށެވެ. އަދި އަރަބި ގައުމުތަކުން ބަލައިގެންފައިވާ ސަރަހައްދު ތަކަކީ އަރަބިންނަށް މާނަ ހުރި ސަރަހައްދު ތަކެއް ކަމުގައިވިއަސް އެއިންތަކަކީ އިޒްރޭލުން ބަލައި ގަންނާނެ އިންތަކެއް ނޫން ކަމަށެވެ.

އެމެރިކާގެ ޚާއްސަ މަންދޫބު ޓޮމް ބަރަކް ވިދާޅުވެފައިވަނީ އޮކްޓޯބަރު 7 ގެ ހަމަލާއަށް ފަހު އިޒްރޭލުގެ ވިސްނުން ވަނީ ބަދަލުވެފައި ކަމަށާއި، ގައުމުތަކުގެ ސަރަހައްދީ އިންތައް ކަމަށްވާ ސައިކްސް ޕިކޯ އެއްބަސްވުމުން ކަނޑައެޅި ސަރަހައްދީ އިންތައް މިހާރު އިޒްރޭލުން ބަލައިނުގަންނަ ކަމަށެވެ.

އެމެރިކާގެ މަންދޫބު އިތުރަށް ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހިނގި ހާދިސާ ތަކުރާރުވިޔަ ނުދިނުމަށް ޔަހޫދީން މަސައްކަތް ކުރާނެ ކަމަށާއި އަދި މެދުއިރުމަތީގައި ހުރިހައި ގައުމަކަށްވެސް އިޒްރޭލުން ބާރު ދައްކާނެ ކަމަށާއި އިޒްރޭލު ކިބައިން އެއްވެސް ގައުމަކަށް އަމާންކަމެއް ނެތް ކަމަށެވެ.

އަރަބި ގައުމުތަކުގެ މެދުގައި އިންތައް ކަނޑައެޅި ސައިކްސް ޕިކޯ އެއްބަސްވުމަކީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި 1916 ވަނަ އަހަރު އިނގިރޭސިންނާއި ފަރަންސޭސި އިސްތިއުމާރުން އެކުލަވާލި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އުސްމާނީ ޚިލާފަތުގެ ދަށުގައި އޮތް މެދުއިރުމަތީގެ ސަރަހައްދުތައް މި ދެ ގައުމުން ބަހާލައި ބައި އެޅިއެވެ. އިޒްރޭލްގެ މި އާ ސިޔާސަތަކީ މެދުއިރުމަތީގެ ސަރަހައްދުގައި އިތުރު ހަމަނުޖެހުންތަކަކަށް މަގުފަހިވެދާނެ ކަމެއްގެ ގޮތުގައި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ.

ހިއްސާ ކުރައްވާ!