ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން މިއަދު ހާމަކުރި ގޮތުގައި، އިޒްރޭލު ހަނގުރާމައިގެ މަތިންދާބޯޓުތަކުން އަލްއަޤްޞާ ޝަހީދުންގެ ހޮސްޕިޓަލުގެ ސަރަހައްދަށް 14 ވަނަ ފަހަރަށް ހަމަލާދީފިއެވެ. މިއީ ޣައްޒާގެ ޞިއްޙީ ނިޒާމަށް ގަސްތުގައި ޔަހޫދީން ދެމުންގެންދާ ހަމަލާތަކާއި ޖަރީމާތަކުގެ ތެރެއިން އެއް ހަމަލާއެވެ.
ޣައްޒާ މީޑިއާ އޮފީހުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އިޒްރޭލުގެ ހަނގުރާމައިގެ މަތިންދާބޯޓުތަކުން ވަނީ ހޮސްޕިޓަލުގެ ކްލިނިކާ ކައިރީގައި ހުރި ރެފިއުޖީންގެ ޓެންޓަކަށް ވެސް ހަމަލާދީފައެވެ. މި ހަމަލާގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ތިބި ބަލިމީހުންގެ ފުރާނައަށް ސީދާ ނުރައްކާވެފައިވެއެވެ.
މި ހަމަލާއަކީ ނަސްލު ފޮހެލުމަށް ޔަހޫދީން ހިންގާ ހޮލޮކޯސްޓް ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް މި ހޮސްޕިޓަލަށް ދީފައިވާ 14 ވަނަ ހަމަލާއެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި އާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާއެވެ.
ޣައްޒާ މީޑިއާ އޮފީހުން ވަނީ މި ޖަރީމާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފައެވެ. އިޒްރޭލާއި އެމެރިކާއާއި އަދި ޔަހޫދީންގެ ހޮލޮސްކޯސްޓަށް އެހީތެރިވާ އެހެނިހެން ޤައުމުތަކުން މި ޖަރީމާގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނެ ކަމަށްވެސް މީޑިއާ އޮފީހުން ބުނެއެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމައާއި އދ އަދި އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކުން މި ހަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.






