ބަހުރައިނުން އިސްރާއީލުގެ އައު ސަފީރު ޝަމުއެލް "ސެމީ" ރެވެލް ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން، އެ ގައުމުގައި އިހުތިޖާޖުތައް ފެށިއްޖެއެވެ. މި އިހުތިޖާޖުތަކުގައި ޣައްޒާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ. ކުރިން ސައިޕްރަސް އަދި ގަތަރުގައި ސަފީރުކަން ކޮށްފައިވާ ރެވެލް ބަލައިގަތުމުގެ ރަސްމިއްޔާތު ބޭއްވީ ބަހުރައިނުގެ ފޮރިން މިނިސްޓްރީގައެވެ. ބަހުރައިން ނިއުސް އެޖެންސީން ބުނާ ގޮތުގައި މި ރަސްމިއްޔާތުގައި ސަރަހައްދީ ސުލްހައާއި ހަމަޖެހުމުގެ މައްޗަށް އަލިއަޅުވާލެވުނެވެ. ނަމަވެސް ޣައްޒާގެ ނަސްލު ސާފުކޮށްލުމާއި ހަނގުރާމައިގެ ޖަރީމާތަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ.
މި ކަމާ ގުޅިގެން މަނާމާގެ އެކި ސަރަހައްދުތަކުގައި އާންމު ރައްޔިތުން ވަނީ ނިކުމެ އިހުތިޖާޖުތައް ފަށާފައެވެ. އިހުތިޖާޖުކުރި ފަރާތްތަކުން ވަނީ އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ބޭއްވުމާ ދެކޮޅަށް ބެނާތައް ހިފައިގެން މަގުމައްޗަށް ނުކުމެ، ފަލަސްތީނުގެ ރައްޔިތުންނަށް އެއްބާރުލުން ދޭކަމަށް ބުނެ ޝުއޫރުތައް ފާޅުކޮށްފައެވެ. ސޯޝަލް މީޑިއާގައި އާންމު ވެފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކާއި އިހުތިޖާޖުކުރި ފަރާތްތަކާ ދެމެދު ހަމަނުޖެހުންތައް ހިނގާފައިވެއެވެ.
މިއީ ޣައްޒާ ހަނގުރާމައިގައި ބަހުރައިނުން ގެންގުޅޭ ދެފުށް ކެހެރި ސިޔާސަތަށް އާންމުން ފާޅުގައި ފާޑު ކިޔަކާން ސަރުކާރަށް އަންގައި ދިނުމުގެ އިހުތިޖާޖެކެވެ. ކުރިން ބަހުރައިނުގެ ޕާލިމަންޓުން ވަނީ އިސްރާއީލުން އެ ގައުމުގެ ސަފީރު އަނބުރާ ގެން ދިއުމަށް ގޮވާލާފައެވެ. އަދި އިސްރާއީލާއެކު އިގްތިސާދީ ގުޅުންތައް މެދުކަނޑާލުމަށް ވެސް ނިންމާފައެވެ. ނަމަވެސް ރަސްގެފާނު ވަނީ މިހާތަނަށް މި ފިޔަވަޅުތަކަށް ބީރު ކަންފަތެއް ދެއްވާފައެވެ. ބަހުރައިނަކީ ފަލަސްޠީނުގެ މިނިވަންކަމުގެ ހަނގުރާމައަށް ތާއީދު ކުރާ ގައުމެއް ނޫނެވެ. ހަމާސްއިން ފެށި އަޤްޞާ ޠޫފާންގެ ހަމަލާއަކީ "ވަހުޝީ" ހަމަލާއެއްގެ ގޮތުގައި ސިފަކުރި ފުރަތަމަ އަރަބި ލީޑަރަކީ ބަހުރައިނުގެ ވަލީއަހުދު ޝައިޚް ސަލްމާން ބިން ހަމަދު އާލަޚަލީފާއެވެ.
ބަހުރައިން އަކީ ޓްރަމްޕާއި ޔަހޫދީންނަށް ސަޕޯޓު ކުރާ އަދި އިބްރާހީމީ މުއާހަދާގެ ދަށުން ޔަހޫދީނަށް ފުރިހަމައަށް ތާއީދު ކުރާ ގައުމެކެވެ.






