އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވަނީ ކުއްލި ގޮތަކަށް ފިނޭންސް މިނިސްޓަރު ސްރީ މުލިޔާނީ އިންދްރާވަތީ މަގާމުން ވަކިކުރައްވާފައެވެ. އިންޑޮނޭޝިއާ ރައީސްގެ މި ފިޔަވަޅާ ގުޅިގެން ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އިގްތިސާދުގައި މާލީ ހަމަޖެހުމާ މެދު އާ ކަންބޮޑުވުންތަކެއް ވަނީ އުފެދި ފައެވެ.
ޕާލަމެންޓް މެމްބަރުންގެ މުސާރަ ބޮޑު ކުރުމަށް ނިންމުމާ ގުޅިގެން ހަފްތާތަކެއް ވަންދެން ކުރިއަށް ގެންދިޔަ އަނިޔާވެރި މުޒާހަރާތަކާ ގުޅިގެން މާލީ ވަޒީރު ވަޒީފާއިން ވަކިކުރުމަކީ ސަރުކާރުގެ އިގްތިސާދީ މިސްރާބު ބަދަލު ކުރުމެއް ކަމަށްވެސް ބެލެވެއެވެ.
ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވަނީ، ކުރިން ޑިޕޮސިޓް އިންޝުއަރެންސް ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން ޕުރްބަޔާ ޔޫދީ ސާދޭވާ އެވެ.
މީޑިއާއާ ވާހަކަ ދައްކަވަމުން ޕުރްބާޔާ ވަނީ އޭނާ އަކީ "މާލީ ދާއިރާގެ ފަރާތެއް" އެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މާލީ އިސްލާޙި ފިޔަވަޅުތައް ދަމަހައްޓަވަން އޭނާ ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ބައިނަލްއަގްވާމީ ގޮތުން އިހުތިރާމް ލިބިގެންވާ އިގްތިސާދީ މާހިރެއް ކަމަށްވާ އަދި ވޯލްޑް ބޭންކުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާފައިވާ އިންދްރާވަތީ ކުއްލިއަކަށް މަގާމުން ވަކި ކުރެއްވީ ދިރިއުޅުމުގެ ހަރަދު ބޮޑުވުމާ ގުޅިގެންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ލިބޭ އިނާޔަތްތަކާ ގުޅިގެން އާންމުންގެ ރުޅިވެރިކަން އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.
މާލީ ވަޒީރު މަގާމުން ދުރުކުރުމުގެ ސަބަބުން މާލީ ބާޒާރުގައި ނުތަނަވަސްކަން އުފެދިފައި ވެއެވެ. މަރުކަޒީ ބެންކުން ބުނެފައި ވަނީ އިންޑޮނޭޝިއާގެ ފައިސާގެ އަގު ވެއްޓެމުން ދިއުމާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އުމުރުން 63 އަހަރުގެ އިންދްރާވަތީ ވަނީ ތިން ރައީސަކާއެކު، ވޭތުވެދިޔަ 20 އަހަރުގެ ތެރެއިން ގާތްގަނޑަކަށް 14 އަހަރު ފިނޭންސް މިނިސްޓަރުކަން ކުރައްވާފަ އެވެ.
އިންދްރާވަތިއަކީ ސަރުކާރުގެ ކަރަދު ކުޑަ ކުރެއްވުމަށް ވާހަކަ ދެއްކެވި ފަރާތެކެވެ. އަދި ރައްޔިތުން ރުއްސަން ވެގެން ރައީސް ޕްރަބޯވޯ ގެންގުޅުއްވާ ހިލޭ ސްކޫލް ދަރިވަރުންނަށްދޭ ކާނާއާއި އިޖުތިމާއީ އިނާޔަތްތައް ފުޅާކުރުމުގެ ޕްރޮގްރާމުތަކަށް ދެކޮޅު ހެއްދެވި ބޭފުޅެކެވެ.
މާލީ ދާއިރާގެ ފަރާތްތަކުން ވަނީ ސަރުކާރުގެ މާލީ ސިޔާސަތާ މެދު އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ. "މިއީ މާލީ އިތުބާރުގެ ޒަމާނެއް ނިމުން،" އެސްޖީއެމްސީ ކެޕިޓަލްގެ ސީނިއާ ޕާޓްނަރު މޯހިތު މިރުޕޫރީ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދަރަނި ބޮޑުވާނެ ކަމށްވެސް އޭނާ ވިދާޅުވިއެވެ.







