ކިހިނެއް މިވީ؟ އެމެރިކާއިން ޤަތަރުގެ އަމީރަށް ކެހި ދީފި

ޓްރަމްޕަށް އުދުހޭ ބޯޓެއް ހަދިޔާކޮށް ބޮޑެތި އަދަދުން ވިޔަފާރި ދިން ގައުމުގެ ވެރިރަށަށް ބޮން އެޅުމަށް ޓްރަމްޕް ނަތަންޔާހޫއަށް ހުއްދަ ދީފިއެވެ. ނަތަންޔާހޫ އެތައް ބޯޓެއް ފޮނުވައިގެން އެތައް ގައުމެއްގެ ވައިގެ ސަރަހައްދު ހުރަސްކޮށް ބޮން އެޅީ އާދައިގެ ސަރަހައްދަކަށެއް ނޫނެވެ! ޤަތަރުގެ ޑިޕްލޮމެޓިކް ސަރަހައްދަށެވެ. ޤަތަރަކީ އެމެރިކާއިން މުސްލިމުން ބިރު ގެންނެވުމަށް ހަދާފައިވާ އެންމެ ބޮޑު ވައިގެ ސިފައިންގެ އަސްކަރީ މަރުކަރު ޤަތަރުގައި ހަދާފައިވާ ޤައުމެވެ. ޤަތަރަކީ ދެކޮޅަށް ކުޅޭ ޤައުމެއް ކަމަށްވެސް މީޑިއާގައި ތުހުމަތުކޮށްފައި ވެއެވެ.

ވައިޓް ހައުސް އިން ބުނީ އިސްރާއީލުގެ ހަމަލާއެއްގެ އިންޒާރު ގަތަރަށް ކުރިން ދީފައި ވާނެ ކަމަށެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ނޫސްވެރިންނަށް ބުނީ ނަތަންޔާހޫ ބޮން އަޅާނެ ކަން ޤަތަރަށް އަންގާފައިވާނެ ކަމަށެވެ.

ދޮގު ހަދަނީ ކާކުކަމެއް ނޭނގެއެވެ. ވައިޓް ހައުސްއިން ބުނާ ވާހަކަތައް ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ ވަނީ ދޮގުކޮށްފައެވެ.

"ހަމަލާގެ ކުރިން ގަތަރުގެ ދައުލަތަށް މައުލޫމާތު ލިބިފައިވާ ކަމަށް ދައުރުވަމުންދާ ބަޔާންތަކަކީ މުޅިން ދޮގު ބަޔާންތަކެއް،" އަލް އަންސާރީ ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

"އެމެރިކާގެ އޮފިޝަލަކުގެ ފަރާތުން ލިބުނު ކޯލް އައީ ދޯހާގައި އިސްރާއީލުން ދިން ހަމަލާގެ ގޮވުންތަކުގެ އަދު އިވެމުން ދިޔަ ވަގުތު"  އދ.ގައި ހުންނަވާ ގަތަރުގެ ދާއިމީ މަންދޫބު ޝެއިޚާ އަލްޔާ އަހުމަދު ބިން ސައިފް އާލަސާނީ ވިދާޅުވެފައި ވެއެވެ.

ޓްރަމްޕަށް ބޯޓު ހަދިޔާ ކުރި ގައުމަށް ނަތަންޔާހޫ ދެން ހަމަލައެއް ނުދޭނެ ކަމުގެ ޔަގީންކަން ޓްރަމްޕް ދީފައި ވާނެ ކަމަށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ވެސް ވަނީ ބުނެފައެވެ. އަދި ގަތަރުން އެމެރިކާގެ އަތްގާތްކޮށްދޭން ކުޅޭ ރޯލަށް ތައުރީފުކޮށް، އެފަދަ ހަމަލާތައް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ގަތަރުގެ އޮފިޝަލުންނަށް ޓްރަމްޕް ދީފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ނތަންޔާހޫ ވަނީ އޭނާއަކީ މެދުއިރުމަތީގެ އެންމެ ބާރުގަދަ ރަސްގެފާނު ކަން ސާބިތުކޮށްދީ، އީރާން ފިޔަފައި ދެން ތިބި ހުރިހައި ކުދި އަޚުންތައް ބިރު ގަންނަވާލާފައެވެ. އާދައިގެ މަތިން އަރަބިން ވަނީ އަބަދުވެސް ނެރޭ ފަދަ އިސްރާއީލު ކުށްވެރިކުރާ ބަޔާންތައް ނެރެފައެވެ.

އިސްރާއީލުގެ ވަޒީރުންނާއި އިދިކޮޅު ޕާޓީގެ މެމްބަރުން ވަނީ ނަތަންޔާހޫގެ ކުޅަދާނަކަމަށް ތައުރީފުކޮށްފައެވެ. އެމެރިކާގެ ކޮންގްރެސްގެ ބައެއް މެމްބަރުންވެސް ވަނީ ނަތަންޔާހޫ ވަރަށް ގައްޑާކަމަށް ބުނެފައެވެ.

ހިއްސާ ކުރައްވާ!