އިސްރާއީލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އެކަމަށް ސަރަހައްދީ ފެންވަރުގައި ޖަވާބު ދޭންޖެހޭ ކަމަށް ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހުމާން ބިން ޖާސިމް އަލަސާނީ ވިދާޅުވެއްޖެއެވެ.
ސީއެންއެންއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ގަތަރުގެ ބޮޑުވަޒީރު ވިދާޅުވީ، މި ހަމަލާއާ ގުޅިގެން ސަރަހައްދުގެ އެހެން ގައުމުތަކާއެކު މަޝްވަރާކުރަމުންދާ ކަމަށާއި، ގަތަރުން ރައްދު ޖަވާބު ދެވޭނެ ކަމަށެވެ. އަދި މުޅި ސަރަހައްދުގެ ސަލާމަތަށް ނަތަންޔާހޫއާ ހެދި ނުރައްކާވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
"އިސްރާއީލުން ކުރަމުންގެންދާ މި އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް މާނަހުރި ފިޔަވަޅުތަކެއް އެޅޭނެ ކަމަށް އުއްމީދުކުރަން،" ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މުޅި ސަރަހައްދު ހަލަބޮލިކަމަކަށް ވައްޓާލަމުންދާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މި ޓެރަރިސްޓް ހމަލާއާ ގުޅިގެން ގަތަރުގައި ސަރަހައްދީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. އަދި ސަރަހައްދުގެ ގައުމުތަކުން ޤާނޫނީ ޓީމެއް އެކުލަވާލައި، ނަތަންޔާހޫގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވުމުގެ ދަޢުވާ އުފުލުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
އިސްރާއީލުގެ މައްޗަށް ގަތަރުން އެކަނި ނޫން، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ފިއްތުންތައް އިތުރުވަމުންދާ ކަމަށް ސްޓްރެޓްފޯޑް ބުންޏެވެ. އަދި މިކަން ހާމަކޮށްދިނުމުގެ ގޮތުން ބޮޑުވަޒީރު ސީއެންއެންއަށް މި ހަރުކަށި ބަޔާން ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.






