ދޯހާއަށް ދިން ޓެރަރިސްޓް ހަމަލާގެ ޝަހީދުންގެ ޖަނާޒާ ބާއްވައިފި

ދޯހާގައި އިސްރާއީލުން ދިން ޔަހޫދީ ޓެރަރިސްޓް ހަމަލާގައި ޝަހީދުވި ފަރާތްތަކުގެ ޖަނާޒާ މިއަދު ބުރާސްފަތި ދުވަހުގެ އަސުރު ނަމާދަށްފަހު ބާއްވައިފިއެވެ. މި ޖަނާޒާގައި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލް ޘާނީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގަތަރުގެ ދާޚިލީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖަނާޒާ ނަމާދު އަދާކުރާނީ ޝައިޚް މުހައްމަދު ބިން އަބްދުލް ވައްހާބު މިސްކިތުގައި ކަމަށާއި، ޝަހީދުން ވަޅުލެވޭނީ މުސައިމީރު ގަބުރުސްތާނުގައި ކަމަށެވެ.

އިސްރާއީލުން މި ޓެރަރިސްޓް ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސްގެ ސިޔާސީ އޮފީހުގެ މެންބަރުން ދިރިއުޅޭ އިމާރާތްތަކަކަށެވެ. ނަމަވެސް ހަމާސްއިން ބުނެފައިވަނީ އެ ޖަމާއަތުގެ އިސް ފަރާތްތައް ސަލާމަތްވި ކަމަށެވެ. މި ހަމަލާގައި ހަމާސްގެ ފަސް މެންބަރުންނާއި ގަތަރުގެ ސެކިއުރިޓީ މުވައްޒަފު ޝަހީދުވެފައިވެއެވެ. މިއީ ގަތަރުގެ ވެރިރަށް ދޯހާއަށް ޔަހޫދީން ދިން ފުރަތަމަ ހަމަލާއެވެ.

ހިއްސާ ކުރައްވާ!