އިންޑޮނޭޝިއާ: ސަލާމަތީ ކަންކަމާ ބެހޭ ވަޒީރު މަގާމުން ދުރުކޮށްފި

ގާނޫނު ހަދާ މަޖިލިސްގެ މެމްބަރުން އަމިއްލައަށް މުސާރަ ބޮޑުކުރުމާ ގުޅިގެން އިންޑޮނޭޝިއާގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ހެދި އެގައުމުގެ ސަލާމަތީ ކަންކަމާ ބެހޭ ވަޒީރު މަގާމުން ދުރުކޮށްފިއެވެ. އިންޑޮނޭޝިއާގެ ރައިސް ޕްރަބޯވޯ ސުބިއަންތޯ އެމަގާމަށް އައްޔަން ކުރައްވާފައި ވަނީ އޭނާގެ ކުރީގެ ވާދަވެރިޔާ ރިޓަޔަރޑް ޖެނެރަލް ޖަމާރީ ޗަނިއާގޯ އެވެ.

މިއީ ފާއިތުވި މަހު ފެށި މުޒާހަރާތަކާ ގުޅިގެން ކުރީގެ ސަލާމަތީ ވަޒީރު ބުއްދީ ގުނަވާން މަގާމުން ވަކިކުރެއްވުމަށްފަހު ގެންނެވި ބަދަލެކެވެ.

އިންޑޮނޭޝިއާގައި އާންމުން މަގުތަކަށް ނުކުތީ، އިންޑޮނޭޝިއާގެ އިޤްތިޞާދީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި ޕާލިމެންޓް މެންބަރުންނަށް ލިބޭ މުސާރައިގެ އިތުރުން 3،000 ޑޮލަރުގެ ހައުސިންގ އެލަވަންސެއް ދޭން ފާސްކުރުމާ ގުޅިގެންނެވެ. މި އެލަވަންސަކީ އިންޑޮނޭޝިއާގެ އެކި ސަރަހައްދުތަކުގައި އާންމުންނަށް މަހު މުސާރައަށް ލިބޭ އަދަދަށް ވުރެން 10 ނޫނީ 20 އިންސައްތަ ބޮޑު އަދަދެކެވެ.

އިންޑޮނޭޝިއާގެ މުޒާހަރާތަކުގައި 10 މީހުން މަރުވެފައި ވެއެވެ.

މުޒާހަރާތައް އިތުރަށް ގޯސްވެގެން ދިޔައީ ޖަކާޓާގައި ހިނގި މުޒާހަރާއެއްގައި 21 އަހަރުގެ ޒުވާނަމު ފުލުހުންގެ އުޅަނދަކުން ޖައްސައި މަރުވުމާ ގުޅިގެންނެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ސަރުކާރުގެ ފަސް ވަޒީރުން ވަނީ މަޤާމުން ވަކިކުރައްވާފައެވެ. އޭގެ ތެރޭގައި މާލީ ވަޒީރު ސްރީ މުލްޔާނީ އިންދްރަވަތީވެސް ހިމެނެއެވެ.

ރައީސް ސުބިއަންތޯ ވަނީ ސަރުކާރުގެ މުހިންމު މަޤާމުތަކަށް ކުރީގެ ޖެނެރަލުން އައްޔަންކުރައްވައި ފައެވެ. އަދި މަގުމަތީގެ މުޒާހަރާތައް ކޮންޓްރޯލްކުރުމާއި، ރައްޔިތުން ރުއްސަން ހިލޭ ސްކޫލް ކެއުން ބެހުމާއި ބޭހާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތްވެސް ސިފައިންނާ ހަވާލު ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!