އިޓަލީގެ ރިމިނީ ސިޓީގައި އަންނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް 2025″ ޓޫރިޒަމް އެގްޒިބިޝަނުން އިސްރާއީލް ބައިވެރިވުން މަނާކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ހޮލޮކޯސްޓް ހަނގުރާމައާ ގުޅިގެންނެވެ.
ރިމިނީ ސިޓީގެ މޭޔަރު ޖަމީލް ސަދްގޫލްވާދް ވިދާޅުވި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ސަލާމަތީ ކަންބޮޑުވުންތަކާއި، އިހުތިޖާޖުތަކުގެ ބިރު އޮތުމާއި، އަދި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިޓަލީގައި އުފެދިފައިވާ ހަލަބޮލިކަމަށް ރިއާޔަތްކޮށެވެ. އިސްރާއީލަށް ބައިވެރިވުމުގެ ފުރުސަތު ދީފިނަމަ، އެގްޒިބިޝަން ބޮޑެތި އިހުތިޖާޖުތަކުގެ މައިދާނަކަށް ބަދަލުވެދާނެކަމުގެ ބިރު އޮތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެގްޒިބިޝަން އިންތިޒާމްކުރާ އިޓާލިއަން އެގްޒިބިޝަން ގްރޫޕް (އައިއީޖީ) އިން ބުނެފައިވަނީ، އިސްރާއީލުގެ ޓޫރިޒަމް އޮތޯރިޓީގެ ބައިވެރިވުމުގެ ޝަރުތުތައް މިހާރު ވަނީ ބާތިލްވެފައި ކަމަށެވެ. އަދި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި ތަންތަން ހަލާކު ކުރަމުންދާ މިންވަރަށް ބަލާއިރު، އެގްޒިބިޝަންގައި އިސްރާއީލު ފެނުމަކީ އަޚްލާޤީ އަދި ޕްރޮފެޝަނަލް ގޮތުން "އެކަށީގެންނުވާ" ކަމެއް ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.
މި އެގްޒިބިޝަނަކީ ޓޫރިޒަމް ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ބައިނަލްއަޤްވާމީ އިވެންޓުތަކުގެ ތެރެއިން އެކެކެވެ. މީގައި 70 އަށްވުރެ ގިނަ ޤައުމުތަކުގެ އިސް އޮޕަރޭޓަރުންނާއި ޓޫރިޒަމް ދާއިރާގެ މުހިންމު ފަރާތްތައް ބައިވެރިވާނެއެވެ. އިސްރާއީލް ބައިވެރިނުކުރުމުގެ ނިންމުން މިއައީ، ފަލަސްތީނަށް އެއްބާރުލުން ދިނުމުގެ ގޮތުން އިޓަލީގައި ރައްޔިތުން ކުރިއަށް ގެންދާ އިހުތިޖާޖުތަކާއި، ޣައްޒާގައި ހިންގާ ހަނގުރާމައާ ގުޅިގެން އިސްރާއީލާއެކު އޮންނަ ގުޅުން ކަނޑާލުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.





