ފަލަސްޠީން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމަށް ޕޯޗުގަލުން ނިންމައިފިއެވެ. މިއީ އިޒްރޭލުގެ އިސްތިއުރާއީ އުދުވާނީ ކަންކަން ނިމުމަކަށް ގެނައުމަށާއި، ފަލަސްޠީނު ރައްޔިތުންގެ ވޭން ނިމުމަކަށް ގެނައުމަށް ގޮވާލާ ބައިނަލްއަޤްވާމީ މުޖުތަމައުގެ ޟަމީރު ދައްކުވައިދޭ ފިޔަވަޅެކެވެ.
މި ނިންމުމަކީ ދެ ދައުލަތުގެ ހައްލާއެކު މިނިވަން އަދި ސިޔާދަތީ ފަލަސްޠީނު ގެ ދައުލަތެއް ޤާއިމުކުރުމުގެ، އުނިނުކުރެވޭނެ ހައްޤު ތަންފީޒުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
ބައިނަލްއަގްވާމީ މުޖުތަމައުން ދަނީ 1967 ވަނަ އަހަރުގެ ޖޫން 4 ގެ ބޯޑަރުތަކުގެ ތެރޭގައި، އިރުމަތީ ޤުދުސް ވެރިކަންކުރާ ރަށްކަމުގައި ހިމެނޭ ގޮތަށް، ފަލަސްޠީނު ރައްޔިތުންގެ އިންސާފުވެރި ހައްޤުތައް ޤާއިމުކުރުމަށް އެހީތެރިވެދިނުމަށް ބާރު އަޅަމުންނެވެ.






