ޣައްޒާގެ ޙިސާރު ނިންމުމަށް ގޮވާލައި އިޙުތިޖާޖު ކުރާ ބައިނަލް އަގްވާމީ ސުމޫދު ފުޅަނދުތައް ކަމަށްވާ "ގްލޯބަލް ފްލީޓް އޮފް ސުމޫދު" އިން ބުނެފައިވާ ގޮތުގައި އެ ފުޅަނދުތަކަށް ޔަހޫދީން ވަނީ ޑްރޯން މެދުވެރިކޮށް ޓެރަރިސްޓް ހަމަލާތަކެއް ދީފައިވެއެވެ. މި ހަމަލާތަކުގައި 9 ފުޅަނދަކަށް އަމާޒުކޮށް 12 ހަމަލާއެއް ދީފައިވާކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
ފްލީޓްގެ ކޯޑިނޭޓަރު ވާއިލް ނަވާރު ވިދާޅުވި ގޮތުގައި "އޮހޮއިލާ" އަށް ހަމަލާ އަމާޒުކޮށްފައިޥާ ކަމަށާއި އަދި "އޮޓާރިއާ"، "މާރިއާ"، "ސަލްވާޖިއާ" އަދި "ޒެފީރޯ" އަށްވެސް ޔަހޫދީން ވަނީ މިފަދަ ޓެރަރިސްޓް ހަމަލާތައް ދީފައި ވެއެވެ. ފްލީޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ފުޅަނދުތަކުގެ ކައިރިން ދޭތެރެ ދޭތެރެއިން ގޮއްވާލުމުގެ އަޑުތައް އިވޭ ކަމަށެވެ. ޔަހޫދީން ދެމުންދާ ޓެރަރިސްޓް ހަމަލާތަކުގެ އަމާޒަކީ މީހުން ބިރު ގަންނަވާލުމެވެ. އަދި ޑްރޯންތަކުން ގޮތް ނޭނގޭ އެއްޗެތި އުޅަނދުތަކަށް އުކާލާ ކަމަށްވެސް އޭނާ މައުލޫމާތު ދެއްވިއެވެ. އޭގެ އިތުރުން މުވާސަލާތީ ވަސީލަތްތަކަށް ހުރަސްއެޅުމުގެ މަސައްކަތްތަކެއްވެސް ޔަހޫދީ ޓެރަރިސްޓުން ކޮށްފައިވެއެވެ.
ނަވާރު ވިދާޅުވީ މި ފަދަ ހަމަލާތަކުން އެމީހުންގެ އިންސާނީ މަސައްކަތަށް ހުރަހެއް ނޭޅޭނެ ކަމަށާއި، ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށާއި ބްލޮކޭޑް ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.
ޣައްޒާގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ކޮމިޓީން މީގެ ކުރިން ވެސް ވަނީ ފުޅަނދުތަކުގެ މަތިން މެދު ނުކެނޑި ޑްރޯންތައް ދަތުރުކުރަމުންދާ ކަމަށް ބުނެފައެވެ. އަދި މިކަމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެ ފަރާތުން ބުނެފައިވެއެވެ. ފުޅަނދުތައް ޣައްޒާއަށް ފޯރަން އަދިވެސް ގާތްގަނޑަކަށް އެއް ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކުރެވެއެވެ.






