ޔަހޫދީންގެ ލީޑަރު ރޭރުވާލުމުން އިޒްރޭލު މީޑިއާ ބުނީ ކީކޭ؟

އދގެ އާންމު ޖަލްސާގައި ޔަހޫދީންގެ ލީޑަރު ރޭރުވާލުމުން އިޒްރޭލު މީޑިއާއިން ވެސް އެކަން ފާހަގަ ކޮށްފިއެވ. އިޒްރޭލު މީޑިއާއިން ބުނެފައި ވަނީ ނަތަންޔާހޫއަށް ކުޑައި މީސް ކުރުމެއް ނޫން ކަމަށެވެ. ނަމަވެސް މިއީ އިޒްރޭލުގެ މޫނަށް ކުޅެއް ޖެހުން ފަދަ ކަމެއް ކަމަށެވެ. އަދި މިއިން ދުނިޔޭގައި އިޒްރޭލު އެކަހެރި ވަމުންދާ މިންވަރު ފެންނަ ކަމަށެވެ.

އިޒްރޭލުގެ ޗެނަލް 12 އިން ފާހަގަކުރި ގޮތުގައި ނަތަންޔާހޫ ތަގުރީރު ފެށުމާއެކު ހޯލުގައި އަތް ޖަހާނެ މީހަކު ނެތުމުން އިޒްރޭލު ވަފްދުން ވަނީ ކޮއްޅަށް ތެދުވެ އަތްތިލަބަޑި ޖަހާފައެވެ. އެ ޗެނަލްގެ މުހައްލިލުން ފާހަގަކުރި ގޮތުގައި ނަތަންޔާހޫ ވާހަކަ ދެއްކި އިރު އދގެ މާލަމު އެއްކޮށް އޮތީ ހުސްކޮށެވެ.

އިޒްރޭލުގެ ޗެނަލް 13 ގެ މުހައްލިލަކު ޔަހޫދީ ކަލޭގެ ތަގްރީރު ނިމުމާއެކު ބުނީ ބިދޭސީ ޑިޕްލޮމެޓުން އެއްބަޔަކު އަނެއްބަޔަކަށް އަޑު ގަދަ ކުރަމުން ހޯލުން ނުކުންނައިރު، ނަތަންޔާހޫ ހުރީ ވާނުވާ ނޭނގިފައި ލަދު ގަނެފައި ކަމަށެވެ.

އިޒްރޭލުގެ ބައެއް ނޫސް ވެބްސައިޓްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަތަންޔާހޫއާ ދެކޮޅަށް ޔަހޫދީ އަސީރުންގެ އާއިލާތަކުން ވަނީ އދގެ އިމާރާތުން ބޭރުގައި މުޒާހަރާ ކޮށްފައެވެ.

އިސްރާއީލުގެ މަޝްހޫރު ނޫސްވެރިޔާ އަދި އަސްކަރީ މުހައްލިލު ރޮން ބެން-ޔިޝާ ބުނީ ނަތަންޔާހޫގެ ތަގްރީރަކީ މިހާރުގެ ހަގީގަތަށް ބަލައިގެން ލިޔެފައިވާ ތަގްރީރެއް ނޫން ކަމަށެވެ. އަދި އޭނާ ދެއްކީ ދެކޮޅު ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.

އެ ތަގުރީރާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޗެނަލް 12 ގެ މުހައްލިލަކު ބުނީ ބައިނަލްއަގްވާމީ ފޯރަމްތަކުގައި ނަތަންޔާހޫ ދީފައިވާ ކޮންމެ ތަގުރީރެއް ވެސް އޭނާ ފޮލޯ ކޮށްފައިޥާ ކަމަށާއި މިފަހަރު ދިން ތަގްރީރަކީ ތާކުންތާކު ނުޖެހޭ އަދި ކޮށިކޮށިކޮށް ބަލައިގެން ކިޔަމުން ނަތަންޔާހޫ ދިން ތަގްރީރެއް ކަމަށެވެ.

ހިއްސާ ކުރައްވާ!