ހިތުރޯ އެއާޕޯޓުގެ ޕާކިންގ އޭރިއާގައި އަލިފާނުގެ ހާދިސާއެއް

ލަންޑަންގެ ހިތުރޯ އެއާޕޯޓުގެ ޓާމިނަލް 3 ގެ ކާރު ޕާކިންގ ހަރޮށި ބިނާގައި ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާއާ ގުޅިގެން 25 އަށްވުރެ ގިނަ ފަޔަރ ފައިޓަރުންނާއި 4 ފަޔަރ އިންޖީނު ވަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ބައިވެރިވެފައެވެ.

މި ހާދިސާއާ ގުޅިގެން ޓާމިނަލް 2 އަދި 3 އަށް ވަދެނިކުމެވާ މަގު ވަނީ ބަންދުކުރަން ޖެހިފައެވެ. މި ހާދިސާގެ ސަބަބުން އެއާޕޯޓަށް ދަތުރުކުރާ ފަސިންޖަރުންނަށް ދަތިތަކާ ކުރިމަތިވެ، ޓްރެފިކް ތޮއްޖެހިފައި ވެއެވެ.

ނެޝަނަލް ހައިވޭސް އޮތޯރިޓީން ވަނީ ދަތުރުވެރިންނަށް އެހެން މަގުތައް ބޭނުންކުރުމަށް އިރުޝާދު ދީފައެވެ. އަދި ޓެކްސީ ޑްރައިވަރުން ވަނީ މީސް މީޑިއާ މެދުވެރިކޮށް ދަތުރުވެރިންނަށް އިރުޝާދުދީ ޓާމިނަލްތަކަށް ވަދެނިކުތުމުގައި ދަތިތައް ހުރުމާއެކު ދަތުރުތައް ރީޝެޑިއުލް ކުރުމަށް އިލްތިމާސްކޮށްފައެވެ.

ހިތުރޯ އެއާޕޯޓުގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި މި އަލިފާން ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ވަގުތީގޮތުން ބަންދުކުރެވިފައިވާ ކަމަށާއި، މި ކަމާ ގުޅިގެން ދަތުރުވެރިންނަށް ކުރިމަތިވި ދަތިތަކަށް މަޢާފަށް އެދޭ ކަމަށް އެއާޕޯޓުގެ އިދާރާއިން ބުނެއެވެ. އެއާޕޯޓުގެ އެހެން ޕާކިންގ އޭރިއާތައް އާންމު އުސޫލުން ހުޅުވިފައިވާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!