ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކުޑަ ކުއްޖަކާއި ދެ މީހަކު ވަނީ ބަނޑަށް މަރުވެފައެވެ. މި އަދަދާއެކު މިހާތަނަށް ބަނޑަށް މަރާލާފައިވާ މީހުންގެ އަދަދު 455 އަށް އަރާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. މީގެ ތެރޭގައި 151 ކުޑަކުދިން ހިމެނެއެވެ.
އިންޓެގްރޭޓެޑް ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އިން ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތު ނުރައްކާ ދަރަޖައަކަށް ގޮސްފައިވާކަން އިއުލާނުކުރި ފަހުން 177 މީހުން ނިޔާވެފައިވާ ކަމަށް ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ. މީގެ ތެރޭގައި 36 ކުޑަކުދިން ހިމެނެއެވެ.
ޣައްޒާގައި މިވަގުތު ދިމާވެފައިވާ އިންސާނީ ކާރިސާއަކީ ޔަހޫދީން ހިންގާ ހޮލޮކޯސްޓްގެ ސަބަބުން މެދުވެރި ވެފައިޥާ ކާރިސާއެކެވެ. ޣައްޒާގައި އެތައް ހާސް ރައްޔިތުންނެއް ކާބޯތަކެތި ނުލިބި ދަތި އުނދަގޫ ހާލުގައި އުޅެމުންދާ ކަމަށް އދ. އިން ވަނީ ހާމަކޮށްފައެވެ.
ކާބޯ ތަކެތީގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައި ވަނީ ޣައްޒާގެ އުތުރު ސަރަހައްދުގައެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ސަބަބުން ނުރައްކާތެރި ހާލަތެއްގައި ތިބި ކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.






