ކަޝްމީރުގެ ހަމަނުޖެހުން ކޮންޓްރޯލު ކުރުމަށް އެއްބަސްވެއްޖެ

ޕާކިސްތާން ކަޝްމީރުގައި 5 ދުވަހުގެ މުއްދަތަށް ހިނގި ހަމަނުޖެހުމުގެ ހާދިސާތަކަށް ފަހު، ޕާކިސްތާން ސަރުކާރުން ވަނީ އިހުތިޖާޖުކުރި ފަރާތްތަކާއެކު 25 ނުކުތާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އިހުތިޖާޖުތަކުގައި 12 މީހުން މަރުވެ، ސަތޭކަ އެތައް ބަޔަކަށް އަނިޔާވެފައި ވެއެވެ.

އެއްބަސްވުމުގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އިހުތިޖާޖުތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ބަދަލު ދިނުމާއި، މުޒައްފަރުއާބާދު އަދި ޕޫންޗްގައި އައު ތަޢުލީމީ ބޯޑުތައް ޤާއިމުކުރުމާއި، ކަރަންޓުގެ ވަސީލަތްތައް ތަރައްޤީކުރުމަށް 10 ބިލިއަން ޕާކިސްތާން ރުޕީސް ކަނޑައެޅުމާއި، މިރްޕޫރުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އެޅުމުގެ މަޝްރޫޢު ހިމެނެއެވެ.

ޕާކިސްތާނު ސަރުކާރުގެ މި އެއްބަސްވުމާ ދެކޮޅަށް އިންޑިއާއިން ވަނީ އިހުތިޖާޖު ކޮށްފައެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުން ނެރުނު ބަޔާންގައި މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ އަމަލުތައް ކުށްވެރިކޮށް ފައި ވެއެވެ. އަދި ކަޝްމީރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އަދި އިންޑިއާގެ ޚާރިޖިއްޔާއިން ސިފަ ކުރިގޮތުގައި އެ ސަރަހައްދަކީ ޕާކިސްތާނުން ގަދަކަމުން ހިފަހައްޓާފައިވާ ސަރަހައްދެއްކަމަށާއި އިންސާނީ ހައްޤުތަކުގެ މައްސަލަތަކަށް ބައިނަލްއަޤްވާމީ ގޮތުން ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައިވެއެވެ.

މި އިހުތިޖާޖުތައް ފެށުނީ ރައްޔިތުންގެ ފެންވަރުގައި މަދަނީ އަދި އިޤްތިޞާދީ ޝަކުވާތަކާ ގުޅިގެންނެވެ. ނަމަވެސް ސިފައިންގެ ނުފޫޒު ބޮޑުވުމާއި ސަރުކާރުގެ ފެއިލްވުންތަކާ ދެކޮޅަށް ހިނގި ހަރަކާތެއްގެ ގޮތުގައި އަވަހަށް މިކަން ބަދަލުވެގެން ދިޔަ އެވެ. މި އެއްބަސްވުމަށް ވާސިލުވެފައިވީ ނަމަވެސް، އަސާސީ ޝަކުވާތައް އަދިވެސް ހައްލުނުވެ ހުރިކަމަށް އާންމުން އަދިވެސް ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!