މީގެ ދެ އަހަރު ކުރިން، އޮކްޓޯބަރު ހަތް ވަނަ ދުވަހާ ހަމައަށް، ފަލަސްތީނުގެ މައްސަލަ އޮތީ ފަނޑުވެފައެވެ. އަރަބި ގައުމުތަކުގައި އައު ޖީލެއްގެ ބަޔަކު ވެރިކަމަށް އައުމާއެކު އެކަކު އަނެކަކަށް ވާދަކުރަމުން ދިޔައީ އަނެކާއަށް ވުރެން ބޮޑަށް އެމެރިކާއާއި ގާތް ވުމަށާއި އަނެކާއަށް ވުރެން އުސްކޮށް ހަރޮށި ބިނާތައް ހަދާށެވެ. ފަލަސްޠީނާއި ޤުދުސްއަކީ މިވެރިންނަށް މުހިންމު މައްސަލައަކަށް ނުވިއެވެ. ޔަހޫދީންގެ އިންވެސްޓްމެންޓްތަކާއި ވިޔަފާރި ޑީލްތައް އޮތީ އެންމެން އެފަހަތުން ދުވާ އެއްޗަކަށް ވެފައެވެ.
ޙަމާސްއާއި ޝަހީދު އިއްޒުއްދީން އަލްޤައްސާމް ބްރިގޭޑާއި އިސްލާމީ ޖިހާދާއި ޤުދުސް ބްރިގޭޑުން ފެށި އަޤްޞާ ޠޫފާނާއެކު ދުނިޔެއަށް ހުޅުވައި ދިނީ ފަލަސްޠީނުގެ މިނިވަންކަމަށް މުޅިން އައު ބާބެކެވެ. އަރަބިންގެ އެއްވެސް ބައިވެރިވުމެއ ްނެތި ފަލަސްޠިނު މީހުން އަމިއްލައަށް ފެށި ޗެޕްޓަރެކެވެ.
ހަމާސްގެ ސިޔާސީ ބިއުރޯގެ ކުރީގެ ވެރިޔާ މަރުހޫމް ޝަހީދު ބަޠަލް ޔަހްޔާ އިބްރާހީމް ސިންވާރު ވިދާޅުވި ފަދައިން، "އަޅުގަނޑުމެންގެ ހައްގުތައް ހާސިލް ކުރުމަށްޓަކައި ހަމާސް ހަރަކާތުން ދުނިޔެއާ އިސްރާއީލާ ކުރިމަތިލާނެ" އެވެ. ތެދެކެވެ! އިޒްރޭލާއި ދުނިޔޭގެ އެންމެ ބޮޑު ބާރާ ދެކޮޅަށް ހަމާސް ނިކުތެވެ.
އަޤްޞާ ޠޫފާނަކީ، 1948 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ބިންތައް ހިފައި ނަސްލު ސާފުކޮށްލައި ޖެނޮސައިޑް ހިންގައި ޔަހޫދީންގެ ދައުލަތެއް އުފެއްދިފަހުން، ފުރަތަމަ ފަހަރަށް އިޒްރޭލު ގިއްގަޅުވާލުމުގައި ބަޔަކު ހޯދި ކާމިޔާބީއެކެވެ.
ދުނިޔޭގައި ފަސާދަ އުފެއްދުމުގައި އެތައް ސާސްކަފެއްގެ ދިގު މާޒީއެއް އޮތް ޔަހޫދީންނަށް ފުރަތަމަ ފަހަރަށް ދުނިޔެއިން ޖެނޮސައިޑްގެ ތުހުމަތު ކުރިއެވެ. ޔަހޫދީންގެ ވެރިންނާއި ޖެނަރަލުންނާއި ރައްޔިތުންނަކީ ދުނިޔޭގެ ނަޒަރުގައި ޖެނޮސައިޑް ހިންގާ ބަޔަކަށްވެ ތާރީޚުގައި ހުތުރު އަކުރުން ނަން ފަވާލެވިގެން ދިޔައެވެ.
އިޒްރޭލުގެ ކަނާތުފިޔައިގެ ލިޔުންތެރިޔާ ގިޑިއަން ލެވީ، ހާރެޓްޒްގައި ލިޔެފައި ވެއެވެ. "ޣައްޒާ ހިރޯޝިމާއަކަށް ވެގެން ދިޔައެވެ. އެކަމަކުވެސް ޣައްޒާގައި މީހުންގެ ހިތްވަރު ބައްޔެއް ނުކުރެވުނެވެ. ފަލަސްތީނުގެ މައްސަލަ ބައިނަލްއަގްވާމީ އެޖެންޑާއިން މުޅިން ނެތިގެން ގޮސްފައި ވަނިކޮށް އަލުން ސަމާލުކަމަށް އައެވެ. އަދި ފަލަސްތީނުގެ މީހުން މި ސަރަހައްދުގެ ރެޑް އިންޑިއަނުންނަށް ވެގެން ދިޔައެވެ. ދެން އައީ (އަޤްޞާ ޠޫފާންގެ) ހަނގުރާމަ އެވެ. އެ ހަނގުރާމަ އައިސް ފަލަސްޠީނު މީހުން ދުނިޔޭގެ އެޖެންޑާގެ އެންމެ ކުރިއަށް ނަގައި ދިނެވެ."
ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމުގެ އައު އޮއިވަރެއް ދުނިޔޭގައި ފެށިގެން ދިޔައެވެ. 2024 ވަނަ އަހަރުގެ މެއި މަހު އދ.ގެ އާންމު މަޖިލީހުން 143 ގައުމުގެ ވޯޓުގެ އަޣުލަބިއްޔަތުން ފާސްކޮށްފައި ވަނީ ފަލަސްތީނަށް އދގެ ފުރިހަމަ މެމްބަރުކަން ދިނުމަށެވެ.
އެއަށްފަހު، ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީނުގެ ދައުލަތް ބަލައިގަތްކަން އިއުލާން ކުރި އެވެ. އޭގެ ފަހުން ޖެހިގެން އައި މަހު ސްލޮވޭނިއާ އިން ފަލަސްޠީނު ދައުލަތެއް ކަމުގައި ބަލައި ގަތެވެ. އދގެ 193 ގައުމުގެ ތެރޭން 148 ގައުމު ފަލަސްޠީނު ބަލައި ގަތެވެ.
މިދިޔަ މަހު އިނގިރޭސިވިލާތާއި ފްރާންސްއާއި ކެނެޑާއާއި އޮސްޓްރޭލިއާ އަދި ޕޯޗުގަލްއިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަތްކަން އިއުލާން ކުރިއެވެ. މިހާރު، ފަލަސްތީނުގެ ދައުލަތް ބަލައިގަތް ގައުމުތަކުގެ އަދަދު 159 އަށް އަރާފައިވެއެވެ.
ފަލަސްޠީނުގެ ދައުލަތް ބަލައި ގަތުމަށް ފަސްޖެހިފައިވާ ގައުމުތަކަކީ އަބަދުވެސް ތާރީޚުގައި ހަނގުރާމައާއި ނަސްލު ނައްތާލުން ފަދަ ނުލަފާ ޖަރީމާ ހިންގުމުގެ ސަފްހާގައި ގުނާލެވޭ ގައުމުތަކެވެ. އެ ގައުމުތަކަކީ، އެމެރިކާގެ އަސްލު ވަޒަންވެރިންގެ އެތައް މިލިއަން މީހުންގެ ނަސްލު ނައްތާލައި ލައްކައަކަށް މަދު ކުރި އެމެރިކާއާއި، ތާރީޚު ފޮތްތަކުގައި ޖެނޮސައިޑް ހިންގާކަމަށް ހެކިވާ ޖަރުމަނާއި އިޓަލީއާއި ޖަޕާނަކީ މި ލިސްޓްގައި ހިމެނޭ ގައުމުތަކެވެ. މި ގައުމުތަކުގެ މާޒީ ސިއްރުވެފައެއް ނުވެއެވެ.
"އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލު ގިއްގަޅުވާލެވުނު ކަމީ އެގައުމުގެ ތާރީހުގައި ވެސް މިހާތަނަށް ފެނުނު އެންމެ ވޭންދެނިވި، އަދި އެންމެ ނިކަމެތި ގިއްގަޅުވާލުމެވެ. އަހަރެމެންގެ އެންމެ ބިރުވެރި ހުވަފެންތަކުގައި ވެސް އަހަރެމެންނަށް މިފަދަ ކަމެއް ދިމާވެދާނެ ކަމަކަށް ދުވަހަކުވެސް ހިއެއް ނުކުރަމަވެ." ޝަހީދު ބަޠަލް ޔަޙުޔާ ސިންވާރުގެ އަޤްޞާ ޠޫފާނާ ބެހޭ ގޮތުން ލިޔަމުން އިޒްރޭލުގެ މައާރީވްގައި ނޫސްވެރިޔާ ބެން ކެސްޕިޓް ބުންޏެވެ.






