ކެމިސްޓްރީގެ ރޮނގުން ނޯބެލްގެ އިނާމު ހޯއްދެވި މީހުންގެ ތެރޭގައި ފަލަސްޠީނު ސައިންޓިސްޓއް

ކެމިސްޓްރީގެ ރޮނގުން ނޯބެލްގެ އިނާމު ލިބިވަޑައިގަތް މީހުންގެ ތެރޭގައި ފަލަސްޠީނުގެ ޕްރޮފެސަރ އުމަރު މުއުނިސް ޔަޣީ ހިމެނެއެވެ. 1965 ވަނަ އަހަރު އުރުދުނުގެ އަމްމާނުގައި އުފަންވެ ވަޑައިގަތް ފަލަސްޠީނުގެ އުމަރު މުއިނިސް އަށް މި އިނާމު ލިބިވަޑައިގަތީ ސޫސޫމޯ ކިޓަގާވާ އަދި ރިޗަރޑް ރޮބްސަން އާ އެކުގައި މެޓަލް-އޯގަނިކް ފްރޭމްވާރކްސް (އެމްއޯއެފް) ގެ ނަމުން މަޝްހޫރު މޮލެކިއުލަރ އާކިޓެކްޗަރގެ އާ ބާވަތެއް އީޖާދުކުރެއްވި ކަމަށްޓަކައެވެ.

15 އަހަރުގެ އުމުރުގައި އެމެރިކާއަށް ހިޖުރަކުރެއްވި އުމަރު މުއިނިސް ޔަޣީ ވަނީ އިލިނޮއި ޔުނިވަރސިޓީން ޑޮކްޓަރޭޓް ހާސިލްކުރައްވާފައެވެ. މިހާރު އޭނާއަކީ ކެލިފޯނިއާ ބަރކްލީ ޔުނިވަރސިޓީގެ ކެމިސްޓްރީ ޕްރޮފެސަރެކެވެ. އަދި ބަރކްލީ ގްލޯބަލް ސައިންސް އިންސްޓިޓިއުޓްގެ މުއައްސިސް ޑިރެކްޓަރެވެ. އޭނާއަކީ އެމެރިކާގެ ނެޝަނަލް އެކެޑަމީ އޮފް ސައިންސަސް އަދި ޖަރުމަނުގެ ލިއޮޕޯލްޑިނާ އެކެޑަމީގެ މެންބަރެކެވެ.

އުމަރު މުއިނިސް ޔަޣީގެ އެންމެ މުހިންމު ޢިލްމީ ޙިއްސާއަކީ ރެޓިކިއުލަރ ކެމިސްޓްރީގެ ދާއިރާ އުފެއްދެވުމެވެ. މިއީ މޮލެކިއުލަރ ބިލްޑިންގ ބްލޮކްތައް ވަރުގަދަ ބޮންޑުތަކުން ގުޅުވައިގެން އޯޕަން ފްރޭމްވާރކްތައް އުފެއްދުމުގެ ސައިންސެވެ. މި ދާއިރާއިން އޭނާ ކުރެއްވި މަސައްކަތްތަކަށް ވަނީ ގިނަ ބައިނަލްއަޤްވާމީ އިނާމުތަކާއި ޝަރަފުތައް ލިބިވަޑައިގެންފައެވެ. މީގެ ތެރޭގައި 2015 ވަނަ އަހަރުގެ ކިންގް ފައިސަލް އިންޓަރނޭޝަނަލް ޕްރައިޒް އަދި 2017 ވަނަ އަހަރުގެ އެލްބަރޓް އައިންސްޓައިން ވޯލްޑް އެވޯޑް އޮފް ސައިންސް ހިމެނެއެވެ.

ހިއްސާ ކުރައްވާ!